ފުރަތަމަ ޙަދީޘް
عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللهِ وَرَسُولِهِ فَهِجْرَتُهُ إلَى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ».
رَوَاهُ إِمَامَا الْمُحَدِّثِينَ أَبُو عَبْدِ اللهِ مُحَمَّدُ بنُ إِسْمَاعِيل بن إِبْرَاهِيم بن الْمُغِيرَة بن بَرْدِزبَه الْبُخَارِيُّ الْجُعْفِيُّ، وَأَبُو الْحُسَيْنِ مُسْلِمُ بنُ الْحَجَّاج بن مُسْلِمٍ الْقُشَيْرِيُّ النَّيْسَابُورِيُّ فِي «صَحِيحَيْهِمَا» اللَّذَينِ هُمَا أَصَحُّ الْكُتُبِ الْمُصَنَّفَةِ.1
އަމީރުލް މުއުމިނީން އަބޫ ޙަފްޞު، ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. رسول الله ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ: ”ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތުގެ މައްޗަށެވެ. ކޮންމެ މީހަކަށް ވެސް ވަނީ އެ މީހަކު ނިޔަތް ގަތް ކަމެކެވެ. ފަހެ އެ މީހެއްގެ ހިޖުރައަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައެއް ނަމަ، އޭނާގެ ހިޖުރަ ވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. އަދި އޭނާގެ ހިޖުރައީ ދުނިޔެ ލިބިގަތުމަށްޓަކައި ނުވަތަ އަންހެނަކާ ކައިވެނި ކުރުމަށްޓަކައި ކުރި ހިޖުރައެއް ނަމަ އެ ހިޖުރަ ވަނީ އޭނާ އެ ހިޖުރަކުރި ކަމަކަށެވެ.“
ރިވާކުރެއްވީ، ޙަދީޘް ޢިލްމުވެރީންގެ ދެ އިމާމުން ކަމަށްވާ: އަބޫ ޢަބްދި ﷲ މުޙައްމަދު ބިން އިސްމާޢީލް ބިން އިބްރާހީމް ބިން އަލްމުޣީރާ ބިން ބަރްދިޒްބަހް އަލްބުޚާރީ އަލްޖުޢްފީ އާއި، އަބުލް ޙުސައިން މުސްލިމް ބިން ޙައްޖާޖް ބިން މުސްލިމް އަލްޤުޝައިރީ އައްނައިސާބޫރީ މި ދެ އިމާމުން –– އެ ދެ ބޭކަލުންގެ ދެ ޞަޙީޙުގައެވެ. އެ ދެ ފޮތީ ލިޔެވިފައިވާ ފޮތްތަކުން ކުރެ އެންމެ ޞައްޙަކަން ބޮޑު ދެ ފޮތެވެ.
ޝަރަޙަ (އައްޝައިޚް ޞާލިޙް ބިން ފައުޒާން އަލްފައުޒާން)
ފޮތުގެ މުއައްލިފު ފޮތް ފައްޓަވާފައި ވަނީ ޢުމަރު ބުނުލް ޚައްޠާބު ރިވާކުރެއްވި މި ޙަދީޘުންނެވެ. މި ޙަދީޘަކީ އޭގެ ޞައްޙަކަމާ މެދު ދެ އިމާމުން އިއްތިފާޤުވެވަޑައިގެންފައި ވާ ޙަދީޘެކެވެ. އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީހުގައި، އަދި އަލްއިމާމް މުސްލިމް ވެސް އެކަލޭގެފާނުގެ ޞަޙީޙުގައި މި ޙަދީޘް ރިވާކުރެއްވިއެވެ. އެހެންކަމުން މިއީ ”مُتَّفَقٌ عَلَيْهِ“ ޙަދީޘެކެވެ. ބުޚާރީ އާއި މުސްލިމް މި ދެ އިމާމުން އިއްތިފާޤުވެވަޑައިގަންނަވާ ޙަދީޘްތަކަކީ، ރަސޫލާ ﷺ ގެ ސުންނަތުގެ ތެރޭ ހިމެނޭ އެންމެ ޞައްޙަކަން ބޮޑު ޙަދީޘްތަކެވެ.
[ހެޔޮ ޢަމަލުތަކުގައި ނިޔަތުގެ މުހިންމުކަން]
މި ޙަދީޘުން މުއައްލިފު ފޮތް ފައްޓަވާފައި ވަނީ ނިޔަތުގެ މަތިން ހަނދާންކޮށްލުމުގެ ބޭނުމުގައެވެ. އެހެނީ މުއައްލިފަކު ފޮތެއް ލިޔާއިރު، ނުވަތަ އެހެން ވެސް ހެޔޮ ޢަމަލެއް ކުރަން އުޅޭ ކޮންމެ މީހަކު ވެސް އެ ކަމެއް ކުރާ އިރު ފަށަން ޖެހޭނީ ﷲ އަށް ހިތްނިޔަތް ޚާލިޞްކުރުމާ އެކުގައެވެ. މި ގޮތުން އަލްއިމާމް އަލްބުޚާރީ ވެސް އެކަލޭގެފާނުގެ ”ޞަޙީޙު“ ފަށްޓަވާފައި ވަނީ މި ޙަދީޘުންނެވެ. އެއީ ނިޔަތުގެ މަތިން ހަނދާން ކޮށްދިނުމަށެވެ. ކޮންމެ ހެޔޮ ކަމެއް ކުރާ މީހާ ވެސް އޭނާ ކުރާ ޢަމަލަކީ ފައިދާއެއް ނެތް ބޭކާރު ވަރުބަލިވުމެއް ކަމުގައި އެކަން ނުހެދުމަށްޓަކައި މި ޙަދީޘް ހަނދާންކޮށްލުން ހުއްޓެވެ.
[ރަސޫލާ ﷺ އަށް جوامع الكلم ދެއްވިގެން ވާކަމާއި، އެފަދަ ޖާމިޢު ޙަދީޘްތައް]
މި ޙަދީޘަކީ، މަދު ކަލިމަތަކެއްގައި ގިނަ މާނަތަކެއް އެކުލެވޭ ޖާމިޢު ޙަދީޘެކެވެ. މާތް ނަބިއްޔާ ﷺ އަށް ވަނީ جوامع الكلم އާއި فصل الخطاب ދެއްވިގެންނެވެ. (އެބަހީ: މަދު ބަސްފުޅުތަކެއްގައި އެތައް މާނައަކާއި ޙިކުމަތެއް އެކުލެވޭހެން، އޮޅުމެއްނެތް ބަޔާންވެގެންވާ ބަސްފުޅުތަކަކުން ވާހަކަދެއްކެވުން އެކަލޭގެފާނަށް ވަނީ ދެއްވިގެންނެވެ.) އެހެންކަމުން އެކަލޭގެފާނު ޙަދީޘްކުރައްވާ މަދު ބަސްކޮޅުތަކެއްގައި ވެސް އަގުހުރި އެތަކެއް ޢިލްމަކާއި، ގިނަގުނަ އެތައް ހެޔޮކަމެއް އެކުލެވިގެން ވެއެވެ.
[އިސްލާމް ދީނުގެ ދައުރުކުރުން އޭގެ ވަށައިގެންވާ 4 ޙަދީޘް]
މި ޙަދީޘަކީ، އޭގެ ވަށައިގެން އިސްލާމްދީން ދައުރުކުރާ ހަތަރު ޙަދީޘުންކުރެ އެއް ޙަދީޘް ކަމުގައި ބައެއް ޢިލްމުގެ އަހުލުވެރީން ވިދާޅުވެފައި ވެއެވެ.
ފުރަތަމައީ: «إنما الأعمال بالنيات» ”ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތުގެ މައްޗަށެވެ.“ މި ޙަދީޘެވެ.
ދެވަނައީ: «إنَّ الحلالَ بيِّنٌ وإنَّ الحرامَ بيِّنٌ»2 ”ޙަލާލު ކަންކަން ވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމް ކަންކަން ވަނީ ބަޔާންވެގެންނެވެ.“ މި ޙަދީޘެވެ.
ތިންވަނައީ: «ازهد فيما أيدي الناس يُحِبُّك الناس» ”މީސްތަކުންގެ އަތްތަކުގައި ވާ ތަކެއްޗާމެދު ޒުހުދުވެރިވާށެވެ. (އެބަހީ: އެ ތަކެއްޗަށް ނޭދި، ތިމާއަށް ލިބިފައި ވީ އެއްޗަކުން ފުދިގެން އުޅޭށެވެ.) އޭރުން މީސްތަކުން ތިބާ ދެކެ ލޯބި ވާނެއެވެ.“ މި ޙަދީޘެވެ.
ހަތަރުވަނައީ: «من حُسْنِ إسلامِ المرءِ تركُهُ ما لا يعنِيهِ» ”މީހެއްގެ އިސްލާމްކަން ހެޔޮވުމުގެ ތެރޭ، އޭނާޔާ ނުބެހޭ ކަންކަން ދޫކޮށްލުން ހިމެނެއެވެ.“ މި ޙަދީޘެވެ.
ޅެންވެރިއަކު މި ޙަދީޘްތައް ވަޒަންބަހުރުވައިން ގެންނަވާފައި ވެއެވެ.
عُمْدَةُ الدِّينِ عِندَنَا كَلِمَاتٌ
أَرْبَعُ مِن كَلَامِ خَيرِ الْبَرِيَّة
اِتَّقِ الشُّبُهَاتِ وَازْهَدْ وَدَعْ مَا
لَيسَ يَعْنِيكَ وَاعْمَلَنْ بِنِيَّة
މިއީ އެ ހަތަރު ޙަދީޘެވެ.
«اتَّقِ الشُّبُهَاتِ» މިއީ «إنَّ الحلالَ بيِّنٌ وإنَّ الحرامَ بيِّنٌ» މި ޙަދީޘުގެ ފަހު ބައެވެ.
«وَازْهَدْ» މިއީ «ازهد فيما أيدي الناس…» މި ޙަދީޘުގެ ވާހަކައެވެ.
«وَدَعْ مَا لَيسَ يَعْنِيكَ» މިއީ «من حسن إسلام المرء تركه ما لا يعنيه…» މި ޙަދީޘުގެ ބައެކެވެ.
«وَاعْمَلَنْ بِنِيَّة» އޭ އޮތީ «إنما الأعمال بالنيات…» މި ޙަދީޘަށް ނިސްބަތްކޮށެވެ.
[«إنما الأعمال بالنيات» ގެ މާނަ]
«إنما الأعمال بالنيات» ”ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތުގެ މައްޗަށެވެ.“ މިތާގައި «إنما» އޭ އޮތީ أداة حصر އެއްގެ ގޮތުގައެވެ. އެއީ އޭގެ ފަހަތަށް އަންނަ އެއްޗަކަށް ޙުކުމް ސާބިތުކޮށް އެނޫން އެއްޗަކުން އެ ޙުކުމް ނަފީކުރެއެވެ. އޭގެ މިސާލީ الله تعالى ގެ އަންނަނިވި ބަސްފުޅެވެ. إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ... މާނައީ: ”ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި…“ މި އާޔަތެވެ.3 މި ގޮތުން «إنما» އަކީ ޢަރަބިބަހުގައި حصر ކުރަން ބޭނުންކުރެވޭ ލަފުޒެކެވެ. الحصر ގެ މާނައީ: އޭގެ ފަހަތަށް އަންނަ އެއްޗަކަށް ޙުކުމެއް ޘާބިތުކޮށް އޭގެ ކުރިން އައި އެއްޗަކުން އެ ޙުކުމް ނަފީކުރުމެވެ. «إنما الأعمال» އެބަހީ: ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ޢަމަލުތައް ބެލެވޭހުށީ، «بالنيات» އެބަހީ: އެ ޢަމަލުކުރި މީހާގެ ގަޞްދުގެ މައްޗަށެވެ. «النيات» އެއީ «نية» ގެ ގިނަގޮތެވެ. އެއީ ހިތުގައިވާ ޤަޞްދެވެ. މިގޮތުން ޢަމަލުތަކުގައި (ހަމައެކަނި) ބެލެވެނީ އޭގެ ސޫރައަކަށް ނޫނެވެ. ނަމަވެސް ބެލެވެނީ އޭގެ ނިޔަތަށެވެ. އެ ޢަމަލަކީ ﷲ ގެ ވަޖްހުފުޅަށްޓަކައި ކުރެވުނު ޢަމަލެއް ނަމަ އެ ޢަމަލު ވާހުށީ އެކަލާނގެއަށެވެ. އަދި ﷲ ނޫން ފަރާތަކަށްޓަކައި ކުރި ޢަމަލެއް ނަމަ އެ ވާހުށީ އެ ފަރާތަކަށެވެ.
[ނިޔަތަކީ ކޮބައިކަން]
މި ޙަދީޘުން އެ ކަމަކަށް ދަލީލުކޮށްދޭ ކަމަކީ މިއީއެވެ. މިއީ އެތައް މާނައެއް މި މަދު ކަލިމަތަކުގައި އެކުލެވިގެންވާ ބަސްފުޅެކެވެ. «إنما الأعمال بالنيات» ”ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތުގެ މައްޗަށެވެ.“ އެބަހީ: އެ ޢަމަލުތައް ވަނީ އެ ޢަމަލެއް ކުރި މީހާގެ ޤަޞްދާއި، އޭނާ އެދުނު މިސްރާބަކާ އެއްގޮތަށެވެ. އެހެންކަމުން ކޮންމެ މުސްލިމަކަށް ވެސް އޮތީ ހެޔޮ ޢަމަލުތަކުން ކުރެ ތިމާ ކުރާ ކޮންމެ ޢަމަލެއްގައި ވެސް ތިމާގެ ނިޔަތް ﷲ އަށް ޚާލިޞްކުރުމެވެ.
މިތާ ޢަމަލުތަކުގެ މުރާދަކީ އަޅުކަންތަކެވެ. އެހެނީ ދުނިޔަވީ ޢަމަލުތަކުގައި ނިޔަތެއް ބޭނުމެއް ނުވާނެއެވެ. މިސާލަކަށް ތިމާ ކައިބޮއި ހަދާއިރު، ފޭރާން ލާއިރު، ނޫނީ ކާރަކަށް އަރަން، މިފަދަ ކަންކަމުގައި ނިޔަތެއް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ޢަމަލުތަކޭ މިތާ މި ބުނެވެނީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވޭ އަޅުކަންތަކެވެ. އެއީ، ކޮންމެހެން ވެސް ހެޔޮ ނިޔަތެއްގެ މައްޗަށް ބިނާވާން ޖެހެނީ އެ ކަންކަމެވެ.
[«وإنما لكل امرئ ما نوى» ގެ މާނަ]
ދެން ޙަދީޘް ކުރެއްވިއެވެ: «وإنما لكل امرئ ما نوى» ”ކޮންމެ މީހަކަށް ވެސް ވަނީ އެ މީހަކު ނިޔަތްގަތް ކަމެކެވެ.“ މި ޖުމްލައަކީ މީގެ ކުރީ ޖުމްލައަށް ބާރުދޭ ޖުމްލައެއް ބާއެވެ؟ ނޫނީ މިއީ ވަކި މުސްތަޤިއްލު ޖުމްލައެއް ބާއެވެ؟ މީގެ ޖަވާބުގައި ޢިލްމުވެރިންގެ ދެ ޤައުލެއް ވެއެވެ.
ފުރަތަމަ ޤައުލު: ޢިލްމުވެރިން ކުރެ އެއްބަޔަކު ވިދާޅުވަނީ: މި ޖުމްލައަކީ މީގެ ކުރީގެ ޖުމްލައަށް ބާރުދޭ، އެ ޖުމްލައިގެ މާނައަށް އިޤުރާރުވާ، تَأْكِيد ގެ ޖުމްލައެކެވެ.
ދެވަނަ ޤައުލު: އެއީ އައު (މުސްތަޤިއްލު) މާނައެއް ނެރެދޭ تَأْسِيس ގެ ޖުމްލައެކެވެ. ހަމައެކަނި ކުރީ ޖުމްލައަށް ބާރުދޭ تَأْكِيد ގެ، ޖުމްލައެއް ނޫނެވެ. މި ގޮތް ރާޖިޙުކަން ބޮޑެވެ. އެހެނީ ވާހަކައެއް تَأْكِيد ގެ ޖުމްލައެއްގެ ގޮތުގައި (އެބަހީ: ހަމައެކަނި ކުރީ ޖުމްލައަށް ބާރުދޭ ޖުމްލައެއްގެ ގޮތުގައި) ބެލުމުގެ ބަދަލުގައި تَأْسِيس ގެ މާނައިގައި ނެގުން އައުލާވެގެން ވެއެވެ.
މި ގޮތުން ނަބިއްޔާ ﷺ ގެ «إنما الأعمال بالنيات» ”ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތުގެ މައްޗަށެވެ.“ މި ބަސްފުޅުގެ މުރާދަކީ: ޢަމަލެއް ޞައްޙަތޯ ފާސިދުތޯ ބިނާވަނީ ޢަމަލު ކުރާ މީހާގެ ނިޔަތުގެ މައްޗަށެވެ. ފަހެ އޭނާގެ ޢަމަލަކީ ﷲ އަށްޓަކައި ކުރި ޢަމަލެއް ނަމަ އެއީ ޞައްޙަ ޢަމަލެކެވެ. ﷲ ނޫން ފަރާތަކަށް ޓަކައި ކުރި ޢަމަލެއް ނަމަ އެއީ ބާޠިލު ޢަމަލެކެވެ. އެހެންކަމުން މި ޖުމްލައިގައި އައިސްފައި މި ވަނީ ޢަމަލުގެ ޞައްޙަނުޞައްޙަކަމާ ބެހޭ ގޮތުންނެވެ.
އެއަށްފަހު ރަސޫލާ ﷺ ގެ: «وإنما لكل امرئ ما نوى» ”ކޮންމެ މީހަކަށް ވެސް ވަނީ އެ މީހަކު ނިޔަތްގަތް ކަމެކެވެ.“ މި ބަސްފުޅުގައި މިވަނީ އޭގެ ޘަވާބުގެ ގޮތުންނެވެ. އެބަހީ؛ އޭނާގެ ނިޔަތަކީ ﷲ އަށް ޚާލިޞް ނިޔަތެއް ކަމުގައި ވެގެން މެނުވީ އޭނާއަށް ﷲ ގެ ޙަޟްރަތުގައި ދަރުމައެއް ޘަވާބެއް ނުވެއެވެ. އަދި އޭނާ ނިޔަތަކީ ﷲ ނޫން ފަރާތަކަށް ގަތް ނިޔަތެއް ނަމަ ﷲ ގެ ޙަޟްރަތުގައި އޭނާއަށް އެއްވެސް ޘަވާބެއް ނުވެއެވެ. الله تعالى ވަޙީހުރެއްވިއެވެ. مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ ١٥ أُوْلَٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ މާނައީ: ”ދުނިޔޭގެ ދިރިއުޅުމާއި، އޭގެ ޒީނަތްތެރިކަމަށް އެދޭ މީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަން ﷲ އެއުރެންނަށް ދުނިޔޭގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެން ތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެން ކުޅަ ކަންތައް އެތާނގައި، ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށް އުޅުނު ކަންތައް ބާޠިލުވެގެން ވެއެވެ.“
[ޤިޔާމަތް ދުވަހުން އެބައެއްގެ މައްޗަށް އެންމެ ފުރަތަމަ ނިޔާ ކަނޑައެޅުއްވޭ ތިން މީހުންގެ ވާހަކަ]
އަދި މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގައި ވެއެވެ. «إِنَّ أَوَّلَ النَّاسِ يُقْضَى فِيهِ يَوْمَ الْقِيَامَةِ ثَلَاثَةٌ: رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، فَقَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى قُتِلْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِيُقَالَ: هُوَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ.» މާނައީ: ”ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނިޔާ ކަނޑައެޅުއްވޭހުށީ ތިން މީހަކަށެވެ: (ފުރަތަމައީ) ޝަހީދުވެ ދިޔަ މީހެކެވެ. ފަހެ އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައިދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފު ވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތްތަކުން ކުރީ ކީއްހެއްޔެވެ؟ ދަންނަވާނެއެވެ. މިއަޅާ ޝަހީދު ވެއްޖައުމަށް ދާންދެން އިބަ ﷲ އަށްޓަކައި ހަނގުރާމަ ކުރީމެވެ. އަންގަވާނެތެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ ހަނގުރާމަކުރީ، ކަލެއަކީ ހާދަ ހިއްވަރުގަދަ މީހެކޭ ބުނުވުމަށްޓަކައެވެ. ފަހެ އެ ފަދައިން ބުނެވިދިޔައެވެ. ދެން އޭނަޔާމެދު އަމުރުއިއްވެވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.“
ފަހެ ﷲގެ މަގުގައި ޖިހާދުކުރާ މީހެއްގެ ސޫރައިގައި އޭނާ ވެފައި، ހަނގުރާމައިގައި ޤަތުލުވެދިއުމުން ވެސް އޭނާ ނަރަކައަށް އެއްލައިލެވުނު ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ: އޭނާގެ ނިޔަތް އޮތީ ﷲ އަށްޓަކައެއް ނޫނެވެ. އޭނާގެ ނިޔަތަކީ އޭނާގެ ކެރުމާއި ހިއްވަރުގަދަކަން ދެއްކުމެވެ. މީސްތަކުންގެ މަދަޙައާއި ސަނާ ހޯދުމެވެ. ދުނިޔޭގައި އޭނާ އެދުނު ފަދައިން އޭނާއަށް ސަނާ ލިބިގެން ވިއެވެ. އެހެން ކަމުން ﷲގެ ޙަޟްރަތުގައި އޭނާއަށް ލިބޭނޭ އެއްޗެއް ނުވެއެވެ. ﷲ އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް އަނިޔާވެރިވެވޮޑިނުގަންނަވައެވެ.
ދެވަނަ މީހަކީ: «…وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، فَقَالَ: مَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ فِيكَ الْعِلْمَ وَعَلَّمْتُهُ، وَقَرَأْتُ فِيكَ الْقُرْآنَ. فَقَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ لِيُقَالَ: هُوَ عَالِمٌ، فَقَدْ قِيلَ، وَقَرَأْتَ الْقُرْآنَ لِيُقَالَ: هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ.» މާނައީ: ”އަދި ޢިލްމު އުނގެނި، އެ އުނގަންނައިދީ، ޤުރުއާން ކިޔަވައި އުޅުނު މީހެކެވެ. ދެން އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައިދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފު ވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތްތަކުން ކުރީ ކީއްހެއްޔެވެ؟ ދަންނަވާނެއެވެ. އިބަ ﷲ އަށްޓަކައި މިއަޅާ ޢިލްމު އުނގެނި، އެ އުނގަންނައިދިނީމެވެ. އަދި އިބަ ﷲ އަށްޓަކައި ޤުރުއާން ކިޔަވައި އުޅުނީމެވެ. ﷲ އަންގަވާނެއެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ ޢިލްމު އުނގެނުނީ، ޢިލްމުވެރިއެކޭ ބުނުވުމަށްޓަކައެވެ. ފަހެ އެ ފަދައިން ބުނެވިދިޔައެވެ. އަދި ކަލޭ ޤުރުއާން ކިޔެވީ، ޤާރީއެކޭ ބުނުވުމަށްޓަކައެވެ. ފަހެ އެފަދައިން ވެސް ބުނެވިދިޔައެވެ. ދެން އޭނަޔާ މެދު އަމުރުފުޅު ކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.“
އެހެންކަމުން (ޝަރުޢީ) ޢިލްމު ކިޔަވާ ކުދިންނަށް ވާޖިބުވެގެން ވަނީ، ޢިލްމު ހޯދުމުގައި ﷲ އަށް ނިޔަތް ޚާލިޞްކުރުމެވެ. އޭނާގެ ޤަޞްދަކީ ދުނިޔޭގައި މަތީ މަގާމު ހޯދުން ކަމުގައި ވެގެން ނުވާނެއެވެ. ނުވަތަ އޭނާގެ ޤަޞްދަކީ އޭނާ ކިޔެވި ޢިލްމަކުން ދުނިޔަވީ ވަޒީފާތަކާއި، ދުނިޔޭގެ މުދާވެރިކަން ލިބިގަތުން ކަމުގައި ވެސް ވެގެން ނުވާނެއެވެ. އޭނާގެ ނިޔަން ވާން ވާނީ ﷲ އަށް ޚާލިޞްވެގެންނެވެ. އެހެނީ (ޝަރުޢީ) ޢިލްމު ހޯދުމަކީ ޞާލިޙު ޢަމަލުތަކުން ކުރެ އެންމެ މަތިވެރި ވެގެންވާ އެއް ޢަމަލެވެ. އެހެންކަމުން އެ ޢަމަލު، ﷲ ނޫން ފަރާތަކަށްޓަކައި ނުކުރެވޭނެއެވެ. އޭނާ އެ ޢިލްމު އުނގެނެން ވާނީ ހަމައެކަނި ﷲ ގެ ވަޖްހުފުޅު އަދައިގެންނެވެ. އަދި އޭގެ ސަބަބުން އޭނާއަށް މުދަލެއް ލިބިއްޖެ ނަމަ އެއީ އޭނާގެ ޢަމަލާ ތަބާވެގެން އޭގެ ފަހުން އައި ކަމެކެވެ. އޭނާ ޢިލްމު ހޯދުމުގައި އޭނާގެ ޤަޞްދަކަށް ވީ އެކަމެއް ނޫނެވެ.
ދެން އެއަށްފަހު ތިންވަނަ މީހަކީ: އެ މީހަކު ހެޔޮގޮތުގައި ހޭދަކުރަން ﷲ އޭނާއަށް މުދާވެރިކަން ދެއްވި މީހެކެވެ. ދެން އޭނާ އެ ފަދައިން އެ މުދާ ހެޔޮކަންކަމަށް ހޭދަކުރިއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ގެ މަގުގައި މުދާ ހޭދަކުރުމަކީ އެންމެ ހެޔޮވެގެންވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. «…وَرَجُلٌ وَسَّعَ اللهُ عَلَيْهِ وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، فَقَالَ: مَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ: هُوَ جَادٌّ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ.» މާނައީ: ”އަދި ﷲ އެ މީހަކަށް ރިޒްޤު ތަނަވަސްކުރައްވައި، މުދަލުގެ ހުރިހައި ބާވަތަކުން ދެއްވި މީހެކެވެ. ދެން އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައިދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފުވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތްތަކުން ކުރީ ކީއްހެއްޔެވެ؟ ދަންނަވާނެއެވެ. އެ މަގެއްގައި މުދާ ހޭދަކުރުމަށް އިބަ ﷲ ލޯބިވެވޮޑިގަންނަވާ މަގުތަކުން އެއްވެސް މަގެއްގައި އިބަ ﷲ އަށްޓަކައި މިއަޅާ މުދާ ހޭދަކޮށްފައި ނޫނީ ދޫކޮށެއްނުލަމުއެވެ. ދެން ﷲ އަންގަވާނެއެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ މުދާ ހޭދަކުރީ، ދީލަތި މީހެކޭ ބުނުވުމަށްޓަކައެވެ. ފަހެ އެފަދައިން ބުނެވިދިޔައެވެ. ދެން އޭނަޔާ މެދު އަމުރުފުޅުކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.“
[ހެޔޮ ޢަމަލުތަކުގައި ﷲ އަށް ނިޔަތް ޚާލިޞްކުރުން ވާޖިބުވެގެން ވާކަން]
ފަހެ މި ފަދަ ބޮޑެތި ޢަމަލުތައް ބޭކާރުވެ، އެ ޢަމަލުތައް ކުރި މީހުންގެ ނިޔަތާއި ނުބައި ޤަޞްދާ ހެދި އެ މީހުންނަށް ޤިޔާމަތްދުވަހު ބީވެގެން ދާނަމަ އެނޫން ޢަމަލުތައް މި ފަދައިން ބޭކާރުވެގެން ދިޔުން މާ އައުލާކަން ބޮޑެވެ. މި ޙަދީޘަކީ ކޮންމެ މީހަކު ވެސް ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޙައްޖާއި ޢުމްރާ ކުރުމާއި، ޞަދަޤާތް ކުރުމާއި، ޢިލްމު އުނގެނުމާއި، އުނގަންނައި ދިނުމާއި، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވައި މަނާކުރުމާއި، ﷲ ގެ މަގަށް ދަޢުވަތު ދިނުމާއި، މިހެން ގޮސް ކޮންމެ ހެޔޮ ޢަމަލެއް ކުރާ ހިނދު ވެސް ﷲ އަށް ނިޔަތް ޚާލިޞްކުރަން ބާރުއަޅާ ޙަދީޘެކެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އޮތީ ތިމާ ހެޔޮ ޢަމަލެއް ކުރާނަމަ އެ ކަން ﷲ އަށް ޚާލިޞްކޮށް، އަބަދު ވެސް ތިމާގެ ނިޔަތާ މެދު ފާރަވެރިވެ ހުރުމެވެ. އަދި ތިމާގެ ކިބައިން ދެއްކުންތެރިކަން ދުރަށްލައި ފޭކުރުމެވެ. އެހެނީ ދެއްކުންތެރިކަމާއި، މީހުންގެ ސަނާއާއި ހެޔޮ ބަސްތައް ލިބުމަށް ލޯބި ކުރުމަކީ އިންސާނަކަށް ވިއްޔާ ދިމާވާނޭ ކަންކަމެވެ. އެކަމަކު އޭނާއަށް ވާޖިބުވެގެން ވަނީ މިފަދަ ޤަސްދެއް ކުއްލިއަކަށް އޭނާގެ ހިތަށް އައިސްފިނަމަ އެކަމެއް ތިމާގެ ކިބައިން ފޭކޮށް ﷲ އަށް ތިމާގެ ނިޔަތް ޚާލިޞްކުރުމެވެ.
ސަނާލިބުމަށް ލޯބިކުރުމާމެދު ޅެންވެރިޔާ ވިދާޅުވިއެވެ.
يَهْوَى الثَّنَاءَ مُبَرِّزٌ وَمُقَصِّرٌ
حُبُّ الثَّنَاءِ طَبِيعَةُ الإنْسَانِ
”މޮޅު މީހާއާއި، ދެރަ މީހާވެސް ސަނާ ލިބެން އެދެއެވެ. ސަނާއަށް ލޯބިކުރުމަކީ އިންސާނާގެ ޠަބީޢަތެވެ.“
ފަހެ މި ކަންކަމީ އިންސާނާއަށް ކުރިމަތިވާ ކަންކަމެވެ. މިހެންކަމުން އޭނާއަށް އޮތީ މިފަދަ ޤަސްދެއް ކުއްލިއަކަށް އޭނާގެ ހިތަށް އައިސްފިނަމަ އެކަމެއް ތިމާގެ ކިބައިން ދުރުކޮށް އެ ކަމަކުން ޚަލާޞްވެގަނެ، ﷲ އަށް ނިޔަތް ޚާލިޞްކުރުމެވެ.
ދެން ރަސޫލާ ﷺ މި ޙަދީޘުގައި މި ކަމުގެ ޢަމަލީ މިސާލެއް ޛިކުރުކުރެއްވިއެވެ. ހިޖުރައިން މިސާލު ޖެއްސެވިއެވެ.
ހިޖުރައަކީ: ތިމާގެ ދީނަށް ރައްކާތެރިވުމުގެ ގޮތުން ކުފުރުގެ ބިމުން އިސްލާމްދީނުގެ ބިމަކަށް ބަދަލުވުމެވެ. ފަހެ މި ކަމަކީ އެންމެ ހެޔޮވެގެންވާ ޢަމަލުތަކުން ޢަމަލެކެވެ. މި ކަމަކީ ޖިހާދާ އެއްފަދަ ކަމެކެވެ. الله تعالى ވަޙީކުރެއްވިއެވެ. إِنَّ ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ މާނައީ: ”ހަމަކަށަވަރުން، އީމާންވެ، ހިޖުރަކޮށް، ޖިހާދުކޮށް އުޅުނު މީހުން…“ މި އާޔަތުގައި އެ ބައެއްގެ ވާހަކަ ޛިކުރުކުރައްވައި، ޘަނާ ވަޙީކުރެއްވުމުގައި، ﷲ ވަނީ އަންޞާރުންގެ ކުރިއަށް މުހާޖިރުން އިސްކުރައްވާފައެވެ. އެހެނީ އެބައިމީހުންނީ ﷲ ގެ ދީނަށް ނަޞްރު ދިނުމަށްޓަކައި އެބައިމީހުންގެ ވަޠަނާއި، ގެދޮރާއި މުދާތައް ދޫކޮށްފައިވާ ބައެކެވެ. އެހެންކަމުން އެހެން މީހުންނަށްވުރެ އެމީހުންގެ މާތްކަން އިތުރުވެގެން ވެއެވެ.
ކޮންމެއަކަސް ހިޖުރަކުރުމަކީ މަތިވެރި ޝަރަފެއް އަދި މާތް ޢަމަލެއް މެއެވެ. ނަމަވެސް އެ ހިޖުރަ ހިޖުރައަކަށް ވަނީ އޭގެ ސިފައަކުން ނޫނެވެ. ހިޖުރަކުރާ މީހާގެ ޤަޞްދުންނެވެ. އޭނާ ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ނަޞްރު ދިނުމުގެ ގޮތުން ކަމަށް ވާނަމަ، އެ ނިޔަތުގެ ސަބަބުން އެ ހިޖުރަ ވާހުށީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައަކަށެވެ. އަދި ﷲ ގެ ޙަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ހިޖުރައަކަށެވެ. އެ ފަދަ މީހަކަށް މުހާޖިރެއްގެ ޘަވާބު ލިބޭހުއްޓެވެ. އަދި އޭނާ ހިޖުރައަށް ނިކުމެ، ހިޖުރައިގެ މަގުމަތީ އޭނާ މަރުވި ކަމުގައި ވިޔަސް އޭނާ ލިޔެވޭހުށީ މުހާޖިރެއްގެ ގޮތުގައެވެ. الله تعالى ވަޙީހުރެއްވިއެވެ. وَمَن يَخۡرُجۡ مِنۢ بَيۡتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدۡرِكۡهُ ٱلۡمَوۡتُ فَقَدۡ وَقَعَ أَجۡرُهُۥ عَلَى ٱللَّهِۗ މާނައީ: ”އަދި، ﷲ އާއި، އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރާ ގޮތުގައި، އެމީހެއްގެ ގެއިން ނުކުންނަ މީހާ، ދެން މަރު އައިސް އެމީހަކު އަތުލާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ ﷲ ގެ ޙަޟްރަތުގައި ސާބިތު ވެއްޖެއެވެ.“ އޭނާގެ ހިޖުރައިގެ ދަތުރު ނުނިމެނީސް މަގުމަތީ މަރުވި ކަމުގައި ވިޔަސް، ﷲ އޭނާގެ އަޖުރު ލިޔުއްވަނީ އޭނާގެ ނިޔަތަށެވެ. މިއީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި އޭނާ ކުރި ހިޖުރައެއް ކަމުގައި އެ ހިޖުރަ ވާނަމައެވެ. އެބަހީ: ﷲ ގެ ދީނަށް ނަޞްރު ދިނުމަށާއި، ﷲ ދެކެ ވާ ލޯތްބާއި، އެކަލާނގެ ރަސޫލާ ﷺ ދެކެ ވާ ލޯތްބަށްޓަކަށް ކުރާ ހިޖުރައެވެ.
[ހިޖުރައަކީ ކޮބައިކަން]
އަދި ހިޖުރަކުރުމަކީ ޤިޔާމަތާ ޖެހެންދެން ވެސް ދީނުގައި ދެމިއޮންނާނޭ ކަމެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. «لَا تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلَا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا» މާނައީ: “ތައުބާ މެދުކެނޑިއްޖައުމަށް ދާންދެން ހިޖުރަ މެދުނުކެނޑޭހުއްޓެވެ. އަދި ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެން ތައުބާ މެދުނުކެނޑޭހުށްޓެވެ.” މުސްލިމުން އަބަދުވެސް ވަނީ ހިޖުރައަށް ބޭނުން ޖެހިފައެވެ. މުސްލިމަކަށް ދީނަށް އުޅުމުގައި ފިއްތުންތައް ކުރިމަތިވެ، އޭނާގެ ބިމުގައި ފާޅުގައި ދީނަށް އުޅެވެން ނެތްނަމަ، ދީނަށް ރައްކާތެރިވުމުގެ ގޮތުން، ދީނަށް ފާޅުގައި އުޅެވޭނޭ ބިމަކަށް ހިޖުރަކުރުން ހުއްޓެވެ. وَمَن يُهَاجِرۡ فِي سَبِيلِ ٱللَّهِ يَجِدۡ فِي ٱلۡأَرۡضِ مُرَٰغَمٗا كَثِيرٗا وَسَعَةٗۚ ”އަދި ﷲ ގެ މަގުގައި ހިޖުރަކުރާ މީހަކަށް، ބިމުގައި ހިޖުރަކޮށް އުޅޭނެ ގިނަ ތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ.“ އެހެންކަމުން ފާޅުގައި ތިމާގެ ދީނަށް އުޅެވި، ތިމާ ހެއްދެވި ފަރާތަށް ފާޅުގައި އަޅުކަންކުރެވޭނޭ ބިމަކަށް ތިމާގެ ދީނާއިގެން ރައްކާވުން ހުއްޓެވެ.
ރަސޫލާ ﷺ ގެ ޙަދީޘެއްގައި ވެއެވެ. «لَا هِجْرَةَ بَعْدَ الْفَتْحِ» ”މައްކާ ފަތަޙަވުމަށްފަހު ހިޖުރައެއް ނުވެއެވެ.“ ފަހެ މި ޙަދީޘުގެ މުރާދަކީ: މައްކާއިން އެހެން ބިންބިމަށް ކުރެވޭ ހިޖުރައެވެ. އެހެނީ މައްކާ ވަނީ ރަސޫލާ ﷺ ގެ އަތްޕުޅު މައްޗަށް ފަތަޙަވެ، މުސްލިމުންގެ ބިމަކަށް ވެގެން ގޮސްފައެވެ. އެހެންކަމުން އެ ބިމުން (ޝަރުޢީ ގޮތުން) ހިޖުރައެއް ނުކުރެވޭނެއެވެ. މައްކާއިން އެހެން ރަށްރަށަށް ހިޖުރަ ކުރެވުނީ މުޝްރިކުންގެ އަތްދަށުގައި މައްކާ އޮތް ދުވަސްވަރުގައެވެ. އޭރު އެމީހުން މުސްލިމުންނަށް ދަތިކޮށް އުނދަގޫކޮށް ހެދިއެވެ. އަދި އިސްލާމްދީނާއި މުސްލިމުންނަށް ހުރަސްއެޅިއެވެ. ރަސޫލު ﷲ ﷺ މައްކާ ފަތަޙަކުރެއްވުމުން އެ ބިން މުސްލިމުންގެ ބިމަކަށް ވެގެން ދިޔައެވެ. އެ ދުވަހަށްފަހު މައްކާއިން މަދީނާއަށް ހިޖުރަކުރާ މީހަކަށް މުހާޖިރެކޭ ނުބުނެވޭނެއެވެ. އެއީ އެ ހިނދުގައި ހިޖުރަކުރުން ވާޖިބުކުރާ ސަބަބެއް ނެތެވެ. އަދި މަދީނާއާއި އެހެން ހުރިހައި ބިންތަކަށްވުރެ މައްކާ މާތްވެގެން ވެއެވެ. އެހެނަސް ކުފުރުގެ ބިމުން އިސްލާމުގެ ބިމަށް ހިޖުރަކުރުން އެއީ ދެމިއޮތް ކަމެކެވެ. އެހެންކަމުން މި ދެ ޙަދީޘުގެ ދެމެދު އެއްވެސް ފުށުއެރުމެއް، އަރާރުމެއް ނުވެއެވެ.
«فَمَنْ كَانَتْ هِجْرَتُهُ إلَى اللهِ…» ”އެ މީހެއްގެ ހިޖުރައަކީ ﷲ އަށްޓަކައި ކުރި ހިޖުރައަކަށް ވެއްޖެ މީހާ…“ މިއީ ފުތަރަމަ ބައެވެ. އެއީ ހިޖުރަކުރުމުގައި ﷲ އަށް ނިޔަތް ޚާލިޞްކުރި މީހާއެވެ. ﷲ އޭނާގެ ޢަމަލު ޤަބޫލުކުރައްވައި މުހާޖިރުންގެ ތެރޭގައި އޭނާ ހިމަނުއްވާނެތެވެ. އެއީ ކޮންމެ ޒަމާނަކަށް ވިޔަސް އެފަދައެވެ. އެހެނީ ހިޖުރައަކީ ދެމިއޮތް ކަމެކެވެ. ހިޖުރަކުރުން ވަނީ ހަމައެކަނި މައްކާ ފަތަޙަވުމުގެ ކުރިންނޭ ނުބުނެވޭނެއެވެ. އަދި ކިއެއްހެއްޔެވެ! އެއީ އެކަމަށް ބޭނުންޖެހިއްޖެ ކޮންމެ ހިނދެއްގައިމެ އޮތް ކަމެކެވެ. އެއީ ދީނުގައި ޝަރުޢުވެގެންވާ ކަމެކެވެ. ކޮންމެ ވަގުތެއްގައި ވެސް ދީނަށްޓަކައި ހިޖުރަކޮށްފި މީހަކަށް މުހާޖިރެއްގެ ޘަވާބު ހުށްޓެވެ.
[ހިޖުރައިގެ ބާވަތްތައް]
ދެވަނަ ބައަކީ: ﷲ އަށްޓަކައި ނޫން ގޮތަކަށް ހިޖުރަ ކުރި މީހާއެވެ. ފަހެ އޭނާގެ ހިޖުރަ ވަނީ އޭނާ ހިޖުރަކުރި ކަމަކަށެވެ. ﷲ ގެ ޙަޟްރަތުގައި އޭނާއަށް އެއްވެސް ދަރުމައެއް ޘަވާބެއް ނުވެއެވެ. ޙަދީޘުގައި ވާ ފަދައިންނެވެ.
«وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا» ”އޭނާގެ ހިޖުރައީ ދުނިޔެ ހޯދައިގަތުމަށްޓަކައި ކުރި ހިޖުރައެއް ކަމުގައި ވެއްޖެ މީހާ…“ ފަހެ އޭނާއީ ކުފުރުގެ ބިމުން އިސްލާމްދީނުގެ ބިމަކަށް، އެކަމަކު ދީނަށްޓަކައި ނޫން ގޮތަކަށް ހިޖުރަކުރާ މީހާއެވެ. އޭނާ ބޭނުންވީ މުސްލިމުންގެ އެ ބިމުގައިވާ ދުނިޔަވީ ކަންކަމެވެ. ދުނިޔޭގެ ޒީނަތާއި އަރާމެވެ. ނުވަތަ ވިޔަފާރިއެވެ. އެހެންކަމުން އޭނާގެ ހިޖުރައަކީ ﷲ އަށްޓަކައި ކުރި ހިޖުރައެއް ނޫނެވެ. އޭނާ ކުރި ޢަމަލު އޭގެ ބޭރުފުށުން ހިޖުރައިގެ ސޫރައިގައި ވިޔަސް އޭނާއަކަށް މުހާޖިރެއްގެ ޘަވާބު ނުލިބޭނެތެވެ. އެކަމަކު ﷲ ބައްލަވައިވޮޑިގަންނަވަނީ އޭނާގެ ޤަޞްދާއި ނިޔަތަށެވެ. ދުނިޔޭގެ ނިޢުމަތްތައް ހޯދައިގަތުމަށް ނުވަތަ ދުނިޔަވީ އެދުމަކަށް ނޫނީ ވިޔަފާރިކުރުމަށް، ނޫނީ ތަނަވަސްކަމާއި ތިޔާގިކަން ހޯދައިގަތުމަށްޓަކައި، އިސްލާމުންގެ ބިމަކުން ކާފަރު ބިމަކަށް ދިރިއުޅުން ބަދަލުކުރިއަސް އޭނާ މުހާޖިރުންގެ ތެރޭ ނުހިމެނޭނެއެވެ. އެ ހިޖުރައަކަށް އޭނާއަށް ޘަވާބެއް ވެސް ނުލިބޭނެއެވެ.
ދެން ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. «أَوْ امْرَأَةٍ يَنْكِحُهَا» ”ނުވަތަ އެ ހިޖުރައަކީ އަންހެނަކާ ކައިވެނިކުރުމަށްޓަކައި ކުރި ހިޖުރައެއް ނަމަ…“ އޭނާ ހިޖުރަކުރީ އޭނާ ހިތާވީ އަންހެނަކާ ކައިވެނިކުރުމުގެ ބޭނުމުގައެވެ. ފިރިހެނާގެ ހިތް އެ އަންހެނާއަށް ލެނބިފައި ވީ ހިނދު، އެ އަންހެންމީހާ ހުރި މުސްލިމު ރަށަށް އޭނާ ހިޖުރަކުރުމުން ނޫނީ ކައިވެނިކުރަން އޭނާ އިންކާރުކުރެއެވެ. އޭނާ ބުނެއެވެ. ތިބާ ތި ކާފަރު ބިމުގައި ހުއްޓައި އަހަރެން ކަލެއަކާ ކައިވެންޏެއް ނުކުރާނަމެވެ. އެހެންކަމުން ފިރިހެން މީހާ އޭނާ ހުރި ކާފަރު ބިމުން އިސްލާމީ ބިމަށް އޭނާ ހިޖުރަކުރީ އެ ކައިވެންޏަށްޓަކައެވެ. އޭނާގެ މި ޢަމަލު އޭގެ ބޭރުފުށުން ޝަރުޢީ ހިޖުރައެއްގެ ސިފައިގައި ވިޔަސް، އޭނާއަކަށް ﷲ ގެ ޙަޟްރަތުގައި ޘަވާބެއް ނުވެއެވެ. އެހެނީ އޭނާގެ ޤަޞްދަކީ ދީނެއް ނޫނެވެ. ހަމައެކަނި ކައިވެންޏެވެ. އެހެންވުމުން މުހާޖިރެއްގެ ޘަވާބު އޭނާއަށް ބީވެދިޔައީއެވެ.
ފަހެ މީސްތަކުންގެ ހިތްތަކުގައި ވާ ކަންކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ4 މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިބީ ކޮން ދީނެއްގައިކަން ތިޔަބައިމީހުން ﷲ އަށް އަންގައި ދެނީހެއްޔެވެ؟ އުޑުތަކުގައްޔާއި، ބިމުގައި ވާހައި ކަމެއް ﷲ ދެނެވޮޑިގެންވެތެވެ. އަދި ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“ ހިތްތަކުގައި ވާ ކަންކަން ދެނެވޮޑިގެންވަނީ ﷲ އެވެ. މީސްތަކުންނަށް އެ ކަންކަން ނޭނގޭނެއެވެ.
[ނިޔަތަކީ ހިތުގައި ވާ އެއްޗެއް ކަމާއި އެ ދުލުން ކިޔުމަކީ ބިދުޢައެއްކަން]
ނިޔަތަކީ ހިތުގައި ވާ އެއްޗެކެވެ. އެ ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އަދި ނިޔަތް ދުލުން ކިޔުމަކީ ބިދުޢައެކެވެ. މިސާލަކަށް نَوَيْتُ أَن أُصَلِّي ނަމާދަށް ނިޔަތްގެންފީމޭ، نَوَيْتُ أَن أَحُجَّ ޙައްޖަށް ނިޔަތްގެންފީމޭ، ނޫނީ نَوَيْتُ أَن أَتَصَدَّقَّ ޞަދަޤާތްކުރަން ނިޔަތްގެންފީމޭ މި ފަދައިން މުސްލިމަކު ކިޔައިގެން ނުވާނެއެވެ. އެހެނީ މިއީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެއީ ހިތުގެ ޢަމަލެކެވެ. ދުލުގެ ޢަމަލެއް ނޫނެވެ. އެ ބާރަށް ކިޔުމީ އޭގައި ދެއްކުންތެރިކަން އެކުލެވިގެން ވާ ކަމެކެވެ. ރަސޫލާ ﷺ ނަމާދުކުރައްވަން، ނޫނީ އެހެން ވެސް ހެޔޮ ޢަމަލެއް ކުރައްވަން އެދިވަޑައިގެންފި ހިނދު ވެސް އެ ކަމުގެ ނިޔަތް ދުލުން ކިޔުއްވި ކަމަށް އެއްގޮތަކަށް ވެސް ސާބިތުވެގެނެއް ނުވެއެވެ.
އާއެކެވެ. ޙައްޖަތުލް ވަދާޢުގައި «لَبَّيْكَ عُمْرَةً وَحَجًّا» މިހެން ޙަދީޘް ކުރައްވައި ރަސޫލާ ﷺ އިޙްރާމްބެންނެވި ކަމަށް އައިސްފައި ވެއެވެ. މިއީ އެކަލޭގެފާނުގެ ދޫފުޅުން އެކަލޭގެފާނުގެ ނިޔަތް ވިދާޅުވުމެއް ނޫނެވެ. އެކަލޭގެފާނުގެ ދޫފުޅުން ޙަދީޘްކުރެއްވީ ނިޔަތްގަނެވުނު ކަންތަކެވެ. އެއީ ޙައްޖުގެ ނުސުކުތަކުން ކުރެ އެދިވަޑައިގަތް ގޮތް ކަނޑައެޅުއްވުމެވެ. އެދިވަޑައިގަތީ ޙައްޖެއްތޯ ހަމައެކަނި ޢުމްރާއެއްތޯ؟ ޙައްޖު ކުރައްވާނީ ޢުމްރާއާ އެއްކޮށް ޤާރިންކޮށްތޯ، ޙައްޖު އެކަނިތޯ، ނޫނީ ތަމައްތުޢުކޮށްތޯއެވެ. އެ ބަސްފުޅު ޙަދީޘްކުރެއްވީ އެދިވަޑައިގަން ނުސުކެއް ޢައްޔަނުކުރެއްވުމަށެވެ. މީގެ މުރާދަކީ ދުލުން ނިޔަތްކިޔުމެއް ނޫނެވެ. نويت الحج ޙައްޖަށް ނިޔަތްގަންނަވައިފީމޭ، نويت العمرة ޢުމްރާއަށް ނިޔަތްގަންނަވައިފީމޭ، ނޫނީ نويت التمتع ތަމައްތުޢުގެ މަގުން ޙައްޖުކުރައްވަން ނިޔަތްގަންނަވައިފީމޭ، نويت القران ޤިރާންކޮށް ކުރަން ނިޔަތްގަންނަވައިފީމޭ، މިފަދައިން އެކަލޭގެފާނު ޙަދީޘެއްނުކުރައްވައެވެ. ހަމަ އެގޮތަށް أريد الحج ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ޙައްޖުކުރައްވާށޭ، أريد العمرة ނޫނީ ބޭނުންފުޅީ ޢުމްރާއެއް ކުރައްވާށޭ ވެސް ޙަދީޘެއްނުކުރައްވައެވެ. މި ބަސް، أريد މިތާނގައި ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. ބައެއް ފިޤުހު ޢިލްމުވެރީން އެހެން ވިދާޅުވި ކަމުގައި ވިޔަސް އެއީ ގޯހެކެވެ. އެހެނީ ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެގެން ވަނީ ޙައްޖުގައި އެދިވަޑައިގަތް ނުސުކު ޢައްޔަނުކުރެއްވުމުގެ ގޮތުން އެކަން ދޫފުޅުން ވިދާޅުވުމެވެ. އެއީ ދޫފުޅުން ނިޔަތް ވިދާޅުވުމެއް ނޫނެވެ.
އެހެންކަމުން ނަމާދުގައި ވިޔަސް، ޒަކާތުގައި ވިޔަސް ކުރާ އެހެން ޢަމަލެއްގައި ވިޔަސް، ދުލުން ނިޔަތް ކިޔުން ހުއްދަވެގެނެއް ނުވެއެވެ. ދުލުން އެއްވެސް ނިޔަތެއް ކިޔުމަކާ ނުލައި އޭނާ އެ ޢަމަލެއް އަދާކުރާނީއެވެ. އެހެނީ އޭނާގެ ހިތުގައި ވާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މިސާލަކަށް އޭނާ ނުބައި ނިޔަތެއްގައި ޢަމަލު ކުރަމުން، ތިމަންނާގެ ނިޔަތަކީ ﷲ ވަޖުހުފުޅޭ ދުލުން ކިތަންމެ ވަރަކަށް ކީ ކަމުގައި ވިޔަސް އޭނާގެ ހިތުގައި ވާ އެއްޗެއް ﷲ ދެނެވޮޑިގެން ވާނެއެވެ. އޭނާ ދުލުން ކީ ލަފްޒަކުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. ފަހެ މިކަމަކީ ބިދުޢައެކެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. އެ އަޑުހަރުކޮށް ކިޔުމީ ބިދުޢައެކެވެ. އަދި މީގެ އިތުރުން ދެއްކުންތެރިކަމުގެ، ރިޔާއުގެ، ޢަމަލެއް މެއެވެ. މިއީ ވަރަށް މުހިންމުކަން ބޮޑު މައްސަލައެކެވެ. މިހާރުވެސް ބައެއް މީހުން ޠަޥާފުކުރާ ހިނދުގައްޔާއި، ނަމާދުކުރާ ހިނދު، ނޫނީ އެހެންވެސް ޢަމަލެއް ކުރާހިނދު ދުލުން ބާރަށް ނިޔަތް ކިޔައެވެ. މި ކަމަކީ މި ކަމަށް ﷲ އެއްވެސް ޙުއްޖަތެއް ބާވަައިލައްވަފައި ނުވާ ބިދުޢައެކެވެ.
[ނިޔަތް ދުލުން ކިޔަން ޖެހޭ ކަމަށް އަލްއިމާމް އައްޝާފިޢީ އަށް ނިސްބަތް ކުރެވޭ ޤައުލަކީ ބާޠިލު ޤައުލެއްކަން]
ދުލުން ނިޔަތް ކިޔަން ޖެހޭނެ ކަމަށް އަލްއިމާމު އައްޝާފިޢީ ވިދާޅުވާ ކަމަށް ބައެއް މީހުން ބުނެ އެކަލޭގެފާނަށް މި ޤައުލު ނިސްބަތް ކުރެއެވެ. ނަމަވެސް މި ކަމަށް ދެ ގޮތަކުން ރައްދު ދެވެއެވެ.
ފުރަތަމައީ: މި ޤައުލު އަލްއިމާމުއްޝާފިޢީ ގެ އަރިހުން ޞައްޙަކޮށް ސާބިތުވެފައެއް ނުވެއެވެ.
ދެވަނައީ: އެކަލޭގެފާނުގެ އަރިހުން މި ޤައުލު ސާބިތުވީ ކަމުގައި ވިޔަސް، އެކަލޭގެފާނުގެ ބަސްފުޅަކީ ޙުއްޖަތެއް ނޫނެވެ. އެކަލޭގެފާނަކީ ވެސް ބައެއް ފަހަރު ކުށްކުރެވޭ، އަނެއްބައި ފަހަރު ރަނގަޅަށް ކަންތައް ނިންމޭ، މުޖްތަހިދު ޢިލްމުވެރިއެކެވެ. ޙުއްޖަތް ވަނީ ރަސޫލާ ﷺ ގެ ބަސްފުޅުގައެވެ. އިމާމް އައްޝާފިޢީގެ، ނޫނީ އިމާމް އަޙްމަދުގެ، ނޫނީ އިމާމް އަބޫ ޙަނީފާގެ، ނޫނީ އިމާމް މާލިކުގެ ބަސްފުޅުތަކުގައެއް ނޫނެވެ. ޢިލްމުވެރިޔާގެ ބަސް ޙުއްޖަތަކަށް ވާނީ އެ ޤައުލާ ދަލީލާ ދިމާވުމުންނެވެ.
ތިންވަނައީ: އައްޝާފިޢީ ގެ އަރިހުން ރިވާވެގެން ވަނީ: ”ނަމާދު އެހެން އަޅުކަންތައް ފަދައެއް ނޫނެވެ. ﷲ ޛިކުރުކުރުމާއެކު މެނުވީ ނަމާދުގެ ތެރެއަށް ނުވަދެވޭހުއްޓެވެ.“ މި ފަދައިންނެވެ. ނަމަވެސް މިތާގައި ޛިކުރުގެ މުރާދަކީ ޙަރަމްބަން ތަކްބީރެވެ. (ނަމާދު ފަށާއިރު ކިޔާ الله أكبر މި ތަކްބީރެވެ.)
ކޮންމެއަކަސް، ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެ ދުލުން ކިޔުން ހުއްދައެއް ނުވާނެއެވެ. ءَامَنَّا އޭ، ”ތިމަންމެން އީމާންވެއްޖައީމުއޭ“ ބުނި އަޢުރާބީންނަށް5 ﷲ ވަނީ އިންކާރު ކުރައްވާފައެވެ. ﷲ އެކަލާނގެ ރަސޫލާ ﷺ އާ މުޚާޠަބު ކުރައްވައި ވަޙީ ކުރެއްވިއެވެ: قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަދިއެއް އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން އިސްލާމް ވެއްޖައީމުއޭ (ކިޔަމަން ވެއްޖައީމުއޭ) ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެއެވެ.“
ފަހެ ތިމަން އެވެނި ކަމަކަށް ނިޔަތް ގެންފީމޭ މިވެނި ކަމެއް ކޮށްފީމޭ ބުނެ ﷲ އަށް އެކަން އަންގައިދޭކަށް ނުޖެހޭނެއެވެ. ތިބާ އެހެން ނުބުންޏަސް ﷲ އެ ކަންކަން މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިބާއަށް އޮތީ ތިބާގެ ހިތްނިޔަތް އިސްލާޙުކޮށް ދުލުން އެ ނުބުނެ އެ ނިޔަތް ސިއްރުކުރުމެވެ.
ހަމަ އެގޮތަށް އުޟުޙިޔާ ކަތިލާއިރު ކިޔާ ދުޢާއަކީ ވެސް ދުލުން ކިޔޭ ނިޔަތެއް ނޫނެވެ. «اللهم مِنكَ وَلَكَ، عَن مُّحَمَّدٍ وَأُمَّتِهِ، بِاسْمِ اللهِ وَاللهُ أَكْبَرُ، ثم ذبح» މާނައީ: ”މިއީ އިބަ ﷲ ދެއްވި އެއްޗެކެވެ. މި ވަނީ އިބަ ﷲ އަށެވެ. މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އުންމަތުގެ ކިބައިން މި ޛަބަޙަކުރައްވަމަވެ. بِاسْمِ اللهِ وَاللهُ أَكْبَرُ، މިހެން ވިދާޅުވެ ރަސޫލާ ﷺ ޛަބަޙަކުރައްވައެވެ.“ މިއީ ނިޔަތް ވިދާޅުވުމެއް ނޫނެވެ. މިއީ ދުޢާއެކެވެ. އަދި ނިޔަތްގަނެވުނު ކަންތައް ބަޔާންކުރެއްވުމެވެ. ޙައްޖުގައި ނުސުކު ބަޔާންކުރެއްވި ފަދައިންނެވެ. ތިބާ އުޟުޙިޔާ ކަތިލާއިރު އެ ގަސްދުކުރި ކަންތައް ބަޔާންކުރަނީއެވެ. އެއީ ކަތިލަނީ ތިބާގެ އަމިއްލަ ނަފްސަށްތޯ ނޫނީ ތިބާގެ މައިންބަފައިންގެ ކިބައިން ތޯ އެހެން މީހެއްގެ ކިބައިންތޯ ވަކިކޮށް ބަޔާންވުމަށްޓަކައި ކިޔާ އެއްޗެކެވެ.