ޙަދީޘް 19: احْفَظْ اللهَ يَحْفَظْك

عَنْ عَبْدِ اللهِ بْنِ عَبَّاسٍ  قَالَ: «كُنْت خَلْفَ رَسُولِ اللهِ ﷺ يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللهَ يَحْفَظْك، احْفَظْ اللهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ».

رواه الترمذي وقال حديث حسن صحيح.

وفي رواية غير الترمذي «احْفَظِ اللهَ تَجِدْهُ أَمَامَكَ، تَعَرَّفْ إِلَى اللهِ فِي الرَّخَاءِ يَعْرِفْكَ فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأَكَ لَمْ يَكُن لِيُصِيبَكَ، وَمَا أَصَابَكَ لَمْ يَكُن لِيُخْطِئَكَ، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرَ، وَأَنَّ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا».


ޢަބްދުﷲ ބިން ޢައްބާސް  ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންކަލޭގެފާނު ރަސޫލުﷲ ﷺ ގެ ފަހަތްޕުޅުގައި (ސަވާރީއެއްގައި) އިންނަވަނިކޮށް ޙަދީޘްކުރެއްވިއެވެ: ”ކޮއިފުޅާއެވެ! ތިމަންކަލޭގެފާނު ތިބާއަށް ކަލިމަތަކެއް އުނގަންނަވައި­ދެއްވާ­ހުށީމެވެ. ﷲ އާމެދު (އެބަހީ: އެކަލާނގެ އަމުރުފުޅު­ތަކާއި ނަހީފުޅުތަކާއި ޙުދޫދުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެކަލާނގެ ތިބާ ރައްކާތެރި­­­ ކުރައްވާނެއެވެ. ތިބާ ﷲ އާ މެދު ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތިން ތިބާއަށް އެކަލާނގެ ފެންނާނެއެވެ. ތިބާ ކަމަކު އެދޭނަމަ ﷲ ގެ ޙަޟްރަތުން އެދޭށެވެ. އަދި ތިބާ ވާގިއެދޭނަމަ ﷲ ގެ ވާގިފުޅަށް އެދޭށެވެ. އަދި ދަންނާށެވެ! ތިބާއަށް މަންފާއެއް ކޮށްދިނުމަށް މުޅި އުންމަތް އެއްބައިވެ މަސައްކަތްކުރި ކަމުގައި ވިޔަސް، ﷲ ތިބާއަށް ލިޔުއްވާފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ތިބާއަށް ފޯރުކޮށެއް ނުދެވޭނެއެވެ. އަދި ތިބާއަށް ގެއްލުމެއް ދިނުމަށް އެބައިމީހުން އެއްބައިވި ކަމުގައިވިޔަސް، ﷲ ތިބާއަށް (ކުރިމަތިވުމަށް) ލިޔުއްވާފައިވާ ގެއްލުމެއް މެނުވީ އެބައިމީހުންނަކަށް ތިބާއަށް ނުދެވޭނެއެވެ. ގަލަންތައް ވަނީ އުފުއްލަވާފައެވެ. އަދި ފަތްފުށްތައް ވަނީ ހިކިފައެވެ.

ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ. މިއީ ޙަސަނު ޞަޙީޙު ޙަދީޘެކެވެ.

ތިރްމިޛީ ނޫން ބައެއް ބޭކަލުންގެ ރިވާޔަތުގައި ވެއެވެ: ”ތިބާ ﷲ އާ މެދު ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތިން އެކަލާނގެ (މަދަދާއި އެހީތެރިކަން) ތިބާއަށް ފެންނާނެއެވެ. އަދި ތަނަވަސްކަމުގެ ވަގުތުގައި ތިބާ އެކަލާނގެ ދަނެ، އެކަލާނގެއަށް ތަޢާރަފްވެ އުޅޭށެވެ. އޭރުން ތިބާގެ ދަތި ޙާލުގައި އެކަލާނގެ ތިބާ ދެނެވޮޑިގެންވާނެއެވެ. އަދި ދަންނާށެވެ. ތިބާއާ ލައިގެންފި ކަމަކީ ތިބާޔާ ލައިގަންނަން (ﷲ މިންވަރު ކުރައްވާފައި) ނެތީސް ލައިގަތް ކަމެއް ނޫނެވެ. އަދި ތިބާއާ ލައިނުގަނެ ފާއިތުވެއްޖެ ކަމަކީ ތިބާއާ ލައިގަންނަން (ﷲ މިންވަރު ކުރައްވާފައި) އޮތް ކަމެއް ނޫނެވެ.1 އަދި ދަންނާށެވެ. ނަޞްރު ލިބުން ވަނީ ކެތްތެރިކަމާ އެކުގައެވެ. އަދި މޮޅިފިއްލެވުން ވަނީ މޮޅިހިތާމަޔާ އެކުގައެވެ. އަދި ކޮންމެ ދަތި އުނދަގުލަކާއެކު ފަސޭހައެއް ވެއެވެ.“


  1. އެބަހީ: ހެވަކަސް ނުބަޔަކަސް، ތިބާއަށް ﷲ މިންވަރު ކުރައްވާފައި ނެތް ކަމެއް ތިބާއަކާ ކުރިމައްޗެއް ނުވާނެއެވެ. ↩︎