މުތަރްޖިމުގެ މުޤައްދިމާ

بسم الله الرحمن الرحيم

الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

أما بعد: ފަހެ މިއީ، އަލްޙާފިޡް އަބޫ ޒަކަރިއްޔާ ޔަޙްޔާ ބިން ޝަރަފް އައްނަޥަޥީ1  ލިޔުއްވި ސާޅީސް ޙަދީޘް ފޮތުގެ ދިވެހި ތަރުޖަމާއެވެ. މި ޙަދީޘްތަކަކީ ކޮންމެ މުސްލިމަކު ވެސް، ތިމާގެ ޙަޔާތް ބައްޓަން ކުރުމުގައި، ދެތުން މުހިއްމު ޙަދީޘްތަކެކެވެ. މިއީ އީމާން­ކަމާއި އިސްލާމް­ކަމުގެ އަސްލު­ތަކާއި، ދީނުގެ އެހެނިހެން ވެސް ބައެއް އުޞޫލު­ތަކާއި، ހެޔޮ ޢަމަލު­ތަކާއި، ރިވެތި އަދަބާއި އަޚްލާޤާއި، މިހެން ގޮސް މުހިއްމު އެތަކެއް ކަންތައް­ތަކެއް އެކުލެވިފައިވާ، ޙަދީޘްތަކެކެވެ. ބަސްފުޅުތައް ކިތަންމެ މަދަސް، މާނަ ނިކަން ފުން، ފައިދާ އެހައިމެ ގިނަގުނަ ޙަދީޘްތަކެކެވެ. ފަހެ މިއިން ކޮންމެ ޙަދީޘަކީ ދީނުގެ ޤަވާޢިދުތަކުން ޤާޢިދާއެވެ. ކޮންމެ ޙަދީޘަކީ، އޭގެ ޝަރަޙައިގައި ފޮތްފޮތް ފުރައި ލިޔެވިދާނޭ ޙަދީޘެކެވެ.

އަލްއިމާމް އައްނަޥަޥީ  މި ފޮތުގައި ގެންނެވި 42 ޙަދީޘުގެ މާނަ ތަރުޖަމާ­ކުރުމަށްފަހު­ގައި، އަލްއިމާމް އިބްނު ރަޖަބް2  އެކަލޭގެފާނުގެ ”ޖާމިޢުލް ޢުލޫމި ވަލްޙިކަމް“ ކިޔުނު ފޮތުގައި އޭގެ ތެރެއަށް އިތުރުކުރެއްވި އަށް ޙަދީޘް ވެސް ލައިގެން، 50 ޙަދީޘް ވާނީ، ﷲ ގެ ވާގިފުޅާއެކު، ތަރުޖަމާ ކޮށްފައެވެ.

މި ”ސާޅީސް ޙަދީޘް“ ފޮތަކީ، އެތައް ގޮތަކުން، އިހާއި ފަހުގެ އެތައް ދަންނަބޭކަލުން މި ފޮތަށް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ފޮތެކެވެ. މި ކަމުން ދަލީލުކޮށްދެނީ –– އަލްޙާފިޡް އައްނަޥަޥީގެ އިޚްލާޞްތެރިކަމަށެވެ. އެހެނީ އިމާމް މާލިކު  ވިދާޅުވެފައި ވާ ފަދައިން، ﷲ އަށްޓަކައި ކުރެވޭ ކަމެއް ދެމިއޮންނާނެއެވެ.

ތަރުޖަމާ ކުރުމުގައި އަޅުގަނޑު ބަލާފައި ވާނީ މާނަ ނުގެއްލޭހެން، ޙަދީޘުގެ ލަފްޡު­ތަކަށާއި، ޖުމްލަތަކުގެ ތަރުތީބަށް ވެސް ބަލައިގެން، ވީހައި ވެސް ކުރު އިބާރާތުން، ސާފު ދިވެހިބަހުން، އޭގެ މާނަ ގެނެވޭތޯއެވެ. ނަމަވެސް މާތް ނަބިއްޔާ ﷺ ގެ ބަސް­ފުޅު­ތަކުގެ ފަށުވި­ކަމާއި، ބަލާޣާތް­ތެރި­ކަމާއި، މާނަ ފުންކަމާއި، މި ކަންކަމަކީ އަދި މިކަހަލަ ތަރުޖަމާއަކުން އެހައި ފުރިހަމައަށް ގެނެވޭނޭ ކަންކަމެއް ނޫނެވެ. ބައެއް ބަސް­ތަކަކީ ދިވެހިބަހަށް ގެނައުމުގައި އިތުރު ޝަރަޙައެއް ނުވަތަ ތަފްޞީލު ބޭނުންވާ ފަދަ ބަސްތަކެކެވެ. މި ފަދަ ބަސްތައް، ދެ ގައުސް ދެމެދު ނޫނީ ހަވާސާގައި ބަޔާންކޮށްދެވޭތޯ ވާނީ ބަލައިފައެވެ. ނަމަވެސް މި ފަދަ ފޮތެއްގައި އަޅުގަނޑު ފަދަ މީހެއްގެ ބަސް މާ ގިނަކުރުން އެއީ ރަނގަޅުކަމެއް ކަމުގައި ނުދެކޭތީ ކޮންމެހެން ބޭނުން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ މިންވަރު ނޫނީ ހިމަނާފައެއް ނުވާނެއެވެ.

މި ޙަދީޘްތަކުގެ ޝަރަޙަ ވެސް –– ދުރުނޫން މުސް­ތަޤްބަލެއް­ގައި، ﷲ ގެ ތައުފީޤާއެކު، ތަރުޖަމާކޮށް ގެނެސްދޭން އަޅުގަނޑު ޤަޞްދުކުރަމެވެ.

ފޮތް ތަރުޖަމާކުރުމުގައި އެހީތެރި­ވެ­ދެއްވި ހުރިހައި ބޭފުޅުން­ނަށާއި، ބަހުގެ ގޮތުންނާއި ޢިލްމީ ގޮތުން ފޮތް ބައްލައި ފޮތުގައި ހުރި ކުށްތައް އިޞްލާޙުކޮށްދެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ.

އަދި އިހާއި ފަހުން ވެސް، އެންމެ ފުރިހަމަ ހަމްދާއި ޝުކުރު ޙައްޤު ވަނީ ﷲ އަށެވެ. މި ތަރުޖަމާގައި އެއްވެސް ހެވެއް ވާނަމަ އެއީ ﷲ ގެ ޙަޟްރަތުން ހުރި ހެވެކެވެ. އަޅާގެ މޮޅުކަމެއް ނޫނެވެ. އަދި އެއްވެސް ކުށެއް ނުވަތަ އުނިކަމެއް ވާނަމަ އެއީ އަޅާގެ ހުރި އުނިކަމެކެވެ. މި ކުރެވުނު ކުޑަ މަސައްކަތުން ވެސް އުންމަތުގެ ބަޔަކަށް ފައިދާއެއް ލިބުމީ އަޅުގެ ދުޢާއެވެ. އަދި މި ޙަދީޘްތަކަށް ޢަމަލުކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމަށާއި، މިއީ އަޅަމެންގެ ރައްބު –– ގެ ޙަޟްރަތުގައި އަޅަމެންނަށްޓަކައި ވާ ޙުއްޖަތެއް ކަމުގައި ލެއްވުމަށާއި، އަޅަމެންނާ ދެކޮޅަށް ވާ ޙުއްޖަތެއް ކަމުގައި ނުލެވުމަށް އެކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.

ޙައްސާން ޢަބްދުއްރައްޒާޤް

އަލްމަދީނަތުއްނަބަވިއްޔާ

20 ޖުމާދަލްއާޚިރާ 1436ހ.


  1. އެކަލޭގެފާނަކީ، ހިޖުރައިން ހަތްވަނަ ޤަރުނުގެ ދަންނަބެއިކަލުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޙަދީޘް ޢިލްމާއި، ފިޤުހާއި، ޢަރަބިބަހާއި، މި ނޫނަސް ދީނީ އެތަކެއް ފަންނެއްގައި ފުންނާބުއުސް ބޭކަލެކެވެ. އުފަންވެވަޑައިގަތީ 631ހ. ގައި ނަޥާ ގައެވެ. އަވަހާރަވީ ދިމިޝްޤުގައި 649ހ. ގައެވެ. އެކަލޭގެފާނު ވަނީ އެތަކެއް އަގުހުރި ފޮތްތަކެއް މި އުންމަތަށް ދޫކުރައްވާފައެވެ. އޭގެތެރޭގައި އަޅުގަނޑު ތަރުޖަމާކުރަމުން މިދާ ސާޅީސް ޙަދީޘް ފޮތާއި، ރިޔާޟުއްޞާލިޙީން އާއި، ޞަޙީޙު މުސްލިމްގެ ޝަރަޙައާއި، ފިޤުހު ޢިލްމާއި ޙަދީޘް ޢިލްމުގެ ފަންނުތަކުގައި ލިޔުއްވި ފޮތްތަކާއި، މިނޫނަސް އެތަކެއް ފޮތެއް ހިމެނެއެވެ. އެކަލޭގެފާނަކީ ޝާފިޢީ މަޒްހަބުގައި އެންމެ ނަގައިކިޔޭ އެއް އިމާމެވެ. ↩︎

  2. އަލްއިމާމުލް ޙާފިޡް ޒައިނުއްދީން އަބުލް ފަރަޖް ޢަބްދުއްރަޙްމާން ބިން އަޙްމަދު ބިން ރަޖަބް އިބްނުލް ޙަސަން އައްސަލާމީ އަލްޙަންބަލީ އަކީ ހިޖުރައިން 8 ވަނަ ޤަރުނުގައި ދިމިޝްޤުގައި އުޅުއްވި ބޮޑު ދަންނަބޭކަލެކެވެ. މުޙައްދިޘެއް އަދި ފަޤީހެއް މެއެވެ. އުފަންވެވަޑައިގަތީ 736ހ. ގައި ބަޣްދާދުގައެވެ. އަވަހާރަވީ 795ހ. ވަނަ އަހަރު ދިމިޝްޤުގައެވެ. މިކަލޭގެފާނު ވަނީ އަގުހުރި އެތައް ފޮތެއް އުންމަތަށް ދޫކުރައްވާފައެވެ. އެގޮތުން ތިރްމިޛީގެ ސުނަނުގެ ޝަރަޙަ­އާއި، ޞަޙީހުލް ބުޚާރީގެ ބައެއްގެ ޝަރަޙައާއި، ތަރުޖަމާ މިކުރެވޭ 40 ޙަދީތްފޮތުގެ ޝަރަޙައިގައި ލިޔުއްވި ޖާމިޢުލް ޢުލޫމި ވަލްޙިކަމޭ ކިޔުނު ފޮތާއި އެނޫނަސް އެތަކެއް އަގުހުރި ފޮތެއް ގުނާލެވެއެވެ. ↩︎