بسم الله الرحمن الرحيم
ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެއީ އުޑުތަކާއި ބިންތަކުގެ ކަންކަމާއިގެން ޤާއިމުވެވޮޑިގެންވާ، ޤައްޔޫމުވަންތަ1 އިލާހެވެ. އެންމެހައި ޚަލްޤުތަކުންގެ ކަންކަން ތަދުބީރުކުރައްވާ ކަލާނގެއެވެ. ސާފުވެގެންވާ ހެކިތަކާއި، ބަޔާންވެ ފައުޅުވެގެންވާ ދަލީލުތަކާއިގެން، މުކައްލަފުންގެ ގާތަށް، ދީނުގެ ކަންކަން ބަޔާންކޮށްދެއްވުމަށް ރަސޫލުން ފޮނުއްވި އިލާހެވެ. އެ އެންމެހައި ބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެކަލާނގެ ދެއްވި އެންމެހައި ނިޢުމަތްތަކުގެ މައްޗަށް އަޅު ޙަމްދުކުރަމެވެ. އަދި އެ އިލާހުގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން އިތުރަށް ދެއްވުން އެދެމެވެ.
އެއްކައުވަންތަ ޤައްހާރުވަންތަ2 ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއީ ގިނައިނައިން ފާފަފުއްސަވާ، ދީލަތިވަންތަ އިލާހެވެ.
އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށާއި، އެކަލޭގެފާނީ އެކަލާނގެ ޙަބީބު އަދި ޚަލީލު ކަމަށާއި، ޚަލްޤުތަކުން ކުރެ އެންމެ ހެޔޮ ސާހިބާ ކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނީ، މާތް ﷲ އެކަލާގެފާނުގެ މައްޗަށް، ޒަމާންތަކަށް ދެމިއޮންނަނިވި މުޢުޖިޒާތެއް ކަމުގައިވާ ކީރިތި ޤުރުއާން ބާވައިލައްވައި، ކައުކުރެއްވި ފޭތާންބަރުކަލޭގެފާނެވެ. އަދި އެ ޤުރްއާނުގެ އިތުރުން، އޭގައި ޖާމިޢު ބަސްފުޅުތަކާއި ދީނުގެ ސަމާޙަތްތެރިކަން އެކުލެވިގެންވާ، އަދި އިރުޝާދު ލިބިގަތުމަށް އެދޭ މީހަކަށް ނޫރު ލިއްބައިދޭ ސުންނަތް ދެއްވައި، އެކަލޭގެފާނު މާތްކުރެއްވިއެވެ. އެކަލޭގެފާނާއި، އެހެން ވެސް އެންމެހައި ނަބިއްޔުންނާއި ރަސޫލުންނާއި، އެ ބެއިބެއިކަލުންގެ އާލުންނާއި އެންމެހައި ޞާލިޙު އަޅުތަކުންްނަށް ﷲ ގެ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެއަށްފަހު ދަންނާށެވެ: ފަހެ، ޢަލީ ބިން އަބީ ޠާލިބާއި، ޢަބްދުﷲ ބިން މަސްޢޫދާއި، މުޢާޛް ބިން ޖަބަލާއި، އަބުއްދަރްދާއިއާއި، އިބްނު ޢުމަރާއި، އިބްނު ޢައްބާސާއި، އަނަސް ބިން މާލިކާއި، އަބޫ ހުރައިރާ –– މި އެންމެހައި ޞަޙާބީ ބޭކަލުންގެ އަރިހުން އެތަކެއް މަގަކުން ތަފާތު ގޮތްގޮތަށް ރިވާވެގެން އައިސްފައި ވެއެވެ: رسول الله ﷺ ޙަދީޘްކުރެއްވިއެވެ. «مَنْ حَفِظَ عَلَىٰ أُمَّتِي أَرْبَعِينَ حَدِيثًا مِنْ أَمْرِ دِينِهَا بَعَثَهُ اللهُ يَومَ القِيَامَةِ فِي زُمْرَةِ الفُقَهَاءِ وَالعُلَمَاءِ» މާނައީ: ”ދީނުގެ ކަންކަމުގެ ތެރެއިން 40 ޙަދީޘް ތިމަންކަލޭގެފާނުގެ އުންމަތަށް ރައްކާކޮށް ފޯރުކޮށްދީފި މިހާ، ފަހެ ޤިޔާމަތްދުވަހުން ﷲ އޭނާ ނެރުއްވާހުށީ ފަޤީހުންނާއި ޢިލްމުވެރީންގެ ގިންތީގައެވެ.“ އެހެން ރިވާޔަތެއްގައި ވެއެވެ. «بَعَثَهُ اللهُ فَقِيهًا عالِمًا» ”ﷲ އޭނާ ނެރުއްވާ ހުށީ ފިޤުހުވެރިއެއް އަދި ޢިލްމުވެރިއެއްގެ ގޮތުގައެވެ.“ އަބުއްދަރްދާގެ ރިވާޔަތުގައި ވަނީ: «وَكُنتُ لَهُ يَومَ القِيَامةِ شَافِعًا وَشَهِيدًا» ”ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނު ވާހުށީ އޭނާއަށްޓަކައި، ޝަފާޢަތްތެރިއެއް އަދި ހެކިވެރިއެއް ކަމުގައެވެ.“ އިބްނު މަސްޢޫދުގެ ރިވާޔަތުގައި ވަނީ: «قِيلَ لَهُ: اُدْخُلْ مِنْ أيِّ أَبْوَابِ الْجَنَّةِ شِئْتَ» ”އޭނާއަށް ބުނެވޭނެތެވެ: ސުވަރުގޭގެ ތިބާ ބޭނުން ދޮރުކޮޅަކުން ވަންނާށެވެ.“ އިބްނު ޢުމަރުގެ ރިވާޔަތުގައި ވަނީ: «كُتِبَ فِي زُمْرَةِ العُلَمَاءِ وَحُشِرَ فِي زُمْرَةِ الشُّهَدَاءِ» ”ޢިލްމުވެރީންގެ ގިންތީތެރޭ އޭނާ ލިޔުއްވޭނެއެވެ. އަދި ޝަހީދުންގެ ގިންތީގައި މަޙްޝަރުކުރެއްވޭނެއެވެ.“ ފަހެ މި ޙަދީޘުގެ މަގުތައް ގިނަކަމާއެކު ވެސް ޙަދީޘްގެ ޟަޢީފުކަމާމެދު، ޙަދީޘް ޢިލްމުގެ ޙާފިޡުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.
ނަމަވެސް، ޢިލްމުވެރިން ވަނީ މި ބާބުގައި، ޢަދަދު ނުކުރެވޭހައި ގިނަގުނަ ފަތްތަކާއި ފޮތްތައް ލިޔުއްވާފައެވެ. އެ އެންމެހައި ބޭކަލުންނަށް ﷲ ރުއްސުންލައްވާށިއެވެ. މި ގޮތުން މި ބާބުގައި އެންމެ ފުރަތަމަ ލިޔުއްވިކަމަށް އަހުރެން ދަންނަނީ عَبْدُ اللهِ بْنُ المُبَارَك އެވެ. ދެން، ރައްބާނީ ޢިލްމުވެރިޔާ، مُحَمَّدُ بْنُ أَسْلَمَ الطُّوسِي އެވެ. ދެން الحَسَنُ ابْنُ سُفْيَانَ النَّسَائِي އާއި، أَبُو بَكْرٍ الْآجُرِّي އާއި أَبُو بَكْرِ بْنُ إِبْرَاهِيمَ الْأَصْفَهَانِي އާއި، الدَّارَقُطْنِي އާއި، الحَاكِم އާއި، أَبُو نُعَيم އާއި، أَبُو عَبدِ الرَّحمٰنِ السُّلَمِيّ އާއި أَبُو سَعِيدٍ المَالِينِي އާއި أبُو عُثْمَانَ الصَّابُونِي އާއި، عَبْدُ اللهِ بْنُ مُحَمَّدٍ الأَنْصَارِي އާއި، أَبُو بَكْرٍ البيهَقِي އާއި، އަދިވެސް ގުނައި ކޮޅުން ނުލާނޭހައި ގިނަ، އިހާއި ފަހުގެ ދަންނަބޭކަލުންނެވެ.
އެހެންކަމުން، މި ޢިލްމުވެރި އިމާމުންނާއި، ދީން ރައްކާކޮށްދެއްވި ޙާފިޡުންނާ ތަބާވެ އިޤްތިދާވުމުގެ ގޮތުން 40 ޙަދީޘް އެއްކުރަން އަހުރެން ޤަޞްދުކޮށް، ﷲ އަށް އިސްތިޚާރާ ކުރީމެވެ. އެހެނީ ހެޔޮ ޢަމަލުތަކުގެ މާތްކަމުގެ ބާބުގައި ޟަޢީފު، ބަލި ޙަދީޘަށް ވެސް ޢަމަލުކުރުން ހުއްދަ ކަމަށް ޢިލްމުވެރީން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.3
ކަން މިހެން އޮތަސް މި ކަމުގައި އަހުރެން ބަރޯސާވީ މި ޙަދީޘަކަށް ނޫނެވެ. އެކަމަކު އަހުރެން ބެލީ ޞަޙީޙު ޙަދީޘްތަކުގައި ވާ ރަސޫލާ ﷺ ގެ އަންނަނިވި ބަސްފުޅުތަކަށެވެ. އެއީ «لِيُبَلِّغِ الشَّاهِدُ مِنْكُمُ الْغَائِبَ» ”ފަހެ ތިޔަބައިމީހުން ކުރެ ޙާޟިރުވެ ހުރި މީހަކު، ޙާޟިރުވެ ނެތް މީހަކަށް ތިމަންކަލޭގެފާނުގެ ބަސްފުޅު ފޯރުކޮށްދޭހުށިކަމެވެ.“ މި ބަސްފުޅާއި، «نَضَّرَ اللهُ امْرَأً سَمِعَ مَقَالَتِي فَوَعَاهَا فَأَدَّاهَا كَمَا سَمِعَهَا» ”ތިމަންކަލޭގެފާނުގެ ބަސްފުޅު އަހައި، އެ ދަނެ، އެ ދަސްކޮށް، ދެން އެ ބަސްފުޅު އަޑުއެހި ފަދައިން އެހެން މީހަކަށް އެ ބަސްފުޅު ފޯރުކޮށްދިން މީހެއްގެ މޫނު ﷲ އުޖާލާކުރައްވާށިއެވެ.“ މި ބަސްފުޅެވެ.
އަދި މީގެ އިތުރުން، ޢިލްމުވެރިންގެ ތެރޭގައި، ދީނުގެ އުޞޫލުތަކާ ބެހޭ ގޮތުންނާއި، ފަރުޢުތަކާ ބެހޭ ގޮތުންނާއި، ޖިހާދާއި، ޒުހުދުވެރިކަމާއި، ރިވެތި އަދަބާއި، ޚުޠުބާތަކާއި، މިހެން ގޮސް މި ފަދަ އެތައް ކަމަކާ ބެހޭ ގޮތުން 40 ޙަދީޘް އެއްކުރައްވާފައިފާ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ފަހެ އެ ބެއިބެއިކަލުންގެ މި ހުރިހައި މަޤްޞަދުތަކަކީ ވެސް ހެޔޮ ޞާލިޙު މަޤްޞަދުތަކެކެވެ. ﷲ އެ އެންމެހައި ބޭކަލުންނަށް ރުއްސުންލައްވާށިއެވެ.
މި ހުރިހައި ކަމަކަށްވުރެ މުހިންމުކަން ބޮޑު 40 ޙަދީޘް އެއްކުރުން މޮޅުކަމަށް އަހުރެން ދެކެމެވެ. އެއީ އެ ހުރިހައި ކަމެއް ޝާމިލުވާ ޙަދީޘްތަކެއް އެއްކުރުމެވެ. ފަހެ މިއިން ކޮންމެ ޙަދީޘަކީ، ދީނުގެ ދައުރުކުރުން ވަނީ އޭގެ ވަށައިގެން ކަމަށް، ނުވަތަ އެ ޙަދީޘަކީ އިސްލާމް ދީނުގެ ދެބައިކުޅަ، ނުވަތަ ތިންބައިކުޅަ އެއްބައި ކަމަށް، ނުވަތަ އެފަދަ އެހެންވެސް ގޮތަކަށް ޢިލްމުވެރީން ސިފަކުރައްވާފައިވާ، ދީނުގެ ޤަވާޢިދުތަކުގެ ތެރެއިން މަތިވެރި ޤާޢިދާއެކެވެ.
މީގެ އިތުރުން މި 40 ޙަދީޘް ޖަމާކުރުމުގައި، މި ޙަދީޘްތަކީ ޞައްޙަ ޙަދީޘްތަކެއް ކަމުގައި ވުން، އަހުރެން ވާނީ ޝަރުޠުކޮށްފައެވެ. މީގެ ތެރެއިން ގިނަ ޙަދީޘްތަކަކީ ބުޚާރީއާއި މުސްލިމް، އެ ދެ އިމާމުންގެ ދެ ޞަޙީޙުގައި ގެންނަވާފައި ވާ ޙަދީޘްތަކެކެވެ. އަހުރެން މި ޙަދީޘްތައް ގެންނާނީ އޭގެ އިސްނާދު ނުހިމަނައެވެ. އެއީ ދަސްކުރަން ފަސޭހައަކަށެވެ. އަދި –– ފޮތުގެ މަންފާ އެންމެނަށް ޢާންމުވުމަށެވެ. ދެން ޙަދީޘްތައް ގެނައުމަށްފަހުގައި، އޭގައި ހުރި މާނަ ފޮރުވިފައިވާ ބަސްތައް ބަޔާންކޮށްދޭ ބާބެއް ގެންނަހުށީމެވެ.
ފަހެ، އާޚިރަތަށް އެދޭ ކޮންމެ މީހަކު ވެސް މި ޙަދީޘްތައް ދެނެގަތުން ހުށްޓެވެ. އެހެނީ މި ޙަދީޘްތަކަކީ މުހިންމު އެތައް ކަންތައްތަކެއް އޭގައި އެކުލެވިފައި ވާ، އަދި އެންމެހައި ހެޔޮ ކަންކަމަކާ މެދު، މިހާއަށް ހެއިވެރިކަން ގެނުވާ، ޙަދީޘްތަކެކެވެ. ފުންކޮށް ވިސްނައިފި މީހަކަށް މި ކަންކަން ސާފުކޮށް ފައުޅުވެގެން ދާނެއެވެ.
އަހުރެން އިޢުތިމާދުވެ ބަރޯސާވަނީ ހަމައެކަނި ﷲ އަށެވެ. އަދި މި ކަމުގައި އަހުރެން ވަކީލުކޮށް ރުޖޫޢަވަނީ އެކަލާނގެ ޙަޟްރަތަށެވެ. އަދި އެންމެހައި ޙަމްދާއި، ނިޢުމަތް ދެއްވުން ވަނީ އެކަލާނގެއަށެވެ. އަދި ހެޔޮ މަގަށް ތައުފީޤުދެއްވުމާއި، ކުށުން ބަރީއަކޮށްދެއްވުން ވަނީ ވެސް އެކަލާނގެއަށެވެ.
-
القيُّوم މިއީ ﷲ ގެ އިސްމުފުޅުތަކުން އިސްމުފުޅެކެވެ. މި އިސްމުފުޅު ނެގިފައި ވަނީ قيام (ޤާއިމުވުން) މި ބަހުންނެވެ. މި އިސްމުފުޅުން ދެ މާނައެއް ދޭހަވެއެވެ. ފުރަތަމައީ: އެހެން އެއްވެސް އެއްޗަކާއި ކަމަކަށް ބޭނުންވެވޮޑިގަތުމަކާ ނުލައި، އެކަލާނގެ ޛާތުފުޅާއިގެން ޤާއިމުވެވޮޑިގެންވުމެވެ. ދެވަނައީ: އުޑުތަކާއި ބިންތަކާއި، ހުރިހައި މަޚްލޫޤުންގެ ކަންކަމަކަމާއިގެން އެކަލާނގެ ޤާއިމުވެވޮޑިގެންވުމެވެ. ފަހެ މި މަތިވެރި އިސްމުފުޅަކީ، ﷲގެ އެންމެހައި ފިޢުލިއްޔަ ސިފަފުޅެއް އޭގެ މާނައިގައި އެކުލެވޭ އިސްމުފުޅެކެވެ. [ބައްލަވާ: العقيدة الواسطية ގެ އިބްނު ޢުޘައިމީން ގެ ޝަރަޙަ، ޞ: 165–166 އަދި ޢަބްދުއްދުއްރަޙްމާން ބިން ނާޞިރް އައްސިޢްދީ ގެ تفسير أسماءِ الله الحسنى، ޞ: 191– 192] ↩︎
-
القهَّار މިއީވެސް الله تعالى ގެ އިސްމުފުޅެކެވެ. މާނައީ: އެންމެހައި ޢާލަމްތަކެއްގެ، އެންމެހައި ކަމެއްގެ މައްޗަށް ގަދަފަދަވަންތަ ބާރުވެރިވަންތަ ކަލާނގެއެވެ. އެކަލާނގެ ބަލިކޮށްލައި އެކަލާނގެ ބާރުފުޅުގެ މައްޗަށް ގަދަވެގަނެވޭނޭ ފަރާތެއް ނުވެއެވެ. ނަމަވެސް ހުރިހައި އެއްޗަކާއި ކަމެއްގެ މައްޗަށް އެކަލާނގެ ބާރުވެރިވަންތައެވެ. އެކަލާނގެ ވާގިފުޅާއި އިޛްނަފުޅާއި އިރާދަފުޅާ ނުލައި އެއްވެސް ކަމެއް ނުހިނގައެވެ. އެކަލާނގެ ފުރިހަމަ ޢިއްޒަތްތެރިކަމާއި، ޤުދުރަތްތެރިކަމާއި، ބާރުވެރިކަމުގެ ކުރިމަތީގައި ހުރިހައި މަޚްލޫޤުން ބަލިވެ ނިކަމެތިވެގެންވާ، ހުރިހައި މަޚްލޫޤުން އެކަލާނގެއަށް ބޭނުން ޖެހިގެންވާ ކަލާނގެއެވެ. [ބައްލަވާ: ޢަބްދުއްރަޙްމާން އައްސިޢްދީ ގެ تفسير أسماء الله الحسنى، ޞ: 223–224] ↩︎
-
އައްނަޥަޥީ ގެ މި ބަސްފުޅަށް އިތުރަށް ބަލާލަން އެބަ ޖެހެއެވެ. އެހެނީ މި މައްސަލައިގެ ޢިލްމުވެރިން ވަނީ ތިން މަޒުހަބަކަށް އިޚްތިލާފުވެފައެވެ.
ފުރަތަމަ މަޒްހަބަކީ: ޟަޢީފު ޙަދީޘަށް އެއްވެސް ގޮތަކަށް ޢަމަލު ނުކުރެވޭނެ ކަމަށް ބުނުމެވެ.
ދެވަނަ މަޒްހަބަކީ: އެހާ ބޮޑަށް ބަލި ނޫން ނަމަ ޢަމަލު ކުރެވޭނެ ކަމަށް ބުނުމެވެ.
ތިންވަނަ މަޒްހަބަކީ: އައްނަޥަޥީ އާއި އަދިވެސް އެތައް ގިނަ ޢިލްމުވެރީންގެ މަޒުހަބެވެ. ނަމަވެސް، فضائل الأعمال ގެ ބާބުގައި (ހެޔޮޢަމަލުތަކުގެ މާތްކަމާ ބެހޭ ބާބުގައި) ޟަޢީފު ޙަދީޘަށް ޢަމަލުކުރެވޭނެ ކަމަށް ވިދާޅުވާ މި ޢިލްމުވެރީން ވެސް އެކަން ހުއްދަކުރައްވަނީ ޝަރުޠުތަކަކާ ލައިގެންނެވެ. އެއީ: [1] އެ ޙަދީޘަކީ ޟަޢީފުކަން ބޮޑު (މައުޟޫޢު، ދޮގު) ޙަދީޘަކަށް ނުވުމާއި [2] ދީނުގެ ޢާންމު އަޞްލެއްގެ ދަށަށް ވަންނަ ޙަދީޘަކަށް ވުމާއި [3] އެއަށް ޢަމަލުކުރާ ހިނދު އެ ޢަމަލުކުރާ ޙަދީޘަކީ އެއީ މާތް ނަބިއްޔާ ﷺ ގެ އަރިހުން ޘާބިތުވާ ޙަދީޘެއް ކަމަށް އިޢުތިޤާދު ނުކުރުމެވެ. ↩︎