ޙަދީޘް 7: الدِّينُ النَّصِيحَةُ

عَنْ أَبِي رُقَيَّةَ تَمِيمِ بْنِ أَوْسٍ الدَّارِيِّ  أَنَّ النَّبِيَّ ﷺ قَالَ: «الدِّينُ النَّصِيحَةُ.» قُلْنَا: «لِمَنْ؟» قَالَ: «لِلهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ».

رَوَاهُ مُسْلِمٌ1


އަބޫ ރުޤައްޔާ ތަމީމް ބިން އައުސް އައްދާރީ  ރިވާކުރެއްވިއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް­ކުރެއްވިއެވެ. ”ދީނަކީ ނަޞޭޙަތެވެ.“ ތިމަންމެން (ޞަޙާބީން) ދެންނެވީމެވެ. ”ކޮން ބަޔަކަށް ތޯއެވެ؟ “ ޙަދީޘްކުރެއްވިއެވެ. ”ﷲ އަށާއި، އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާ­އަށާއި، މުސްލިމުންގެ އިމާމުންނަށާއި،2 ޢާންމުންނަށެވެ.“

ރިވާކުރެއްވީ މުސްލިމް


 1. މުސްލިމް (55) ↩︎

 2. އަަލްޢައްލާމާ އައްޝައިޚް ޢަބްދުއްރަޙްމާން ބިން ސިޢްދީ  މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވިއެވެ:

  ”މުސްލިމުންގެ އިމާމުންނަށް ނަޞޭޙަތް ދިނުމަށް ބަލާއިރު އެމީހުންނަކީ ދައުލަތުގެ އެންމެ އިސް ވެރިޔާއާއި އެ ވެރިޔާ ޢައްޔަނުކޮށްފައި ތިބޭ އަމީރުންނާއި، ޤާޟީންނާއި، މިހެން ގޮސް ކުޑަޔަސް ބޮޑަސް މީސްތަކުންގެ މައްޗަށް އެއްވެސް ކަހަލަ ވެރިކަމެއް ދެވިފައި ތިބޭ މީހުންނެވެ. އެމީހުންގެ ވަޒީފާއާއި އެމީހުންގެ ވާޖިބުތައް އެހެން މީހުންގެ ވަޒީފާތަކާއި ވާޖިބުތަކަށްވުރެ ބޮޑުވެގެން ވީ ހިނދުގައި، އެމީހުންގެ މަޤާމާއި ދަރަޖަޔާ އެއްވަރަށް ނަޞޭޙަތްދިނުން ވާޖިބެވެ. އެއީ؛ އެމީހުންގެ އިމާމަތު ޤަބޫކުރުމާއި އެމީހުންގެ ވެރިކަމަށް އިޢުތިރާފުވުމާއި، ހެޔޮ ކަންތަކުގައި އެމީހުންނަށް ކިޔަމަންތެރިވުން ވާޖިބުކަމަށް އިޢުތިރާފުވުމާއި، އެމީހުންނާ ދެކޮޅަށް ނުނިކުތުމާއި، އަދި އެމީހުންނަށް ކިޔަމަންތެރިވުމަށް ރައްޔިތުންނަށް ބާރުއެޅުމާއި، ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރަކާ ޚިލާފު ނުވާ އެމީހުންގެ އަމުރުތައް މަތީ ލާޒިމުވެ ދެމިތިބުމާއި، އެ ވެރީންނަށް ނަޞޭޙަތްތެރިވުމުގެ ގޮތުން އެ މީހަކަށް ކުރެވެން އޮތް ކަމެއް ކުރުމާއި، އަދި އެމީހުން ވެރިކަން ހިންގުމުގައި ރިޢާޔަތްކުރަން ޖެހޭ ކަންތައްތަކުން ނޭނގިފައި އޮތް ކަމެއް، ކޮންމެ މީހަކުވެސް އެމީހަކަށް ވީ ވަރަކުން، އެ މީހުންނަށް ސާފުކޮށްދިނުމާއި، އެމީހުން އިސްލާޙުކޮށްދެއްވައި ހެޔޮމަގަށް ތައްފީޤުދެއްވުން އެދި އެމީހުންނަށްޓަކައި ދުޢާކޮށްދިނުމާއި މި ކަންކަމުންނެވެ. އެހެނީ އެމީހުން އިޞްލާޙުވުމަކީ ރައްޔިތުންނަށް ވެސް ހުރި އިޞްލާޙެކެވެ.

  ”އަދި އެމީހުންނަށް އެއްޗެހިގޮވުމާއި، ބަދުބަސް ބުނުމާއި، އެމީހުންގެ ޢައިބުތައް ފަތުރައި ޢާންމުކުރުމާއި މިފަދަ ކަންކަމުން ދުރުހެލިވުމެވެ. އެހެނީ އެކަމުގައި އެތަކެއް ނުބަޔަކާއި، ގެއްލުމަކާއި، ފަސާދައެއް އެކުލެވިގެންވެއެވެ. ފަހެ މިފަދަ ކަންކަމުން ދުރުވެ ރައްކާތެރިވެގެން ހުރުމާއި، މި ކަންކަމާމެދު އިންޒާރުދިނުމަކީ އެ ވެރީނަށް ނަޞޭޙަތް­ތެރި­ވުމުގެ ތެރޭ ހިމެނޭ ކަންކަމެވެ. އަދި އެމީހުންގެ ކިބައިން ހުއްދަވެެގެން ނުވާ ކަމެއް ފެނިއްޖެ މީހާއަށް އޮތީ، އެކަން ފާޅުކުރުމަކާ ނުލައި، ސިއްރުން އޭނާއަށް ނަޞޭޙަތްދިނުމެވެ. ބޭނުންވާ މަޤްޞަދު ޙާޞިލުވާނޭ ގޮތަށް މަޑުމައިތިރިކަމާއެކު އޭނާގެ މަޤާމާ ގުޅޭފަދަ ލުއި އިބާރާތްތަކުން ސިއްރުގައި ނަޞޭޙަތްދިނުމެވެ. ފަހެ މި ގޮތަކީ ކޮންމެ މީހެއްގެ ޙައްޤުގައިވެސް އެދެވިގެންވާ ގޮތެވެ. ވަކިން ޚާއްޞަކޮށް ވެރިންނަށެވެ. ފަހެ މި ބުނެވުނު ފަދައިން އެމީހުންގެ ސަމާލުކަމަށް އެ ކަން ގެނައުމުގައި ގިނަ ހެޔޮ އެކުލެވިގެން ވެއެވެ. އަދި އެއީ ނަޞޭޙަތްތެރިޔާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ ޢަލާމާތެކެވެ.

  ”ދެންފަހެ، އޭ ނަޞޭޙަތްތެރިޔާއެވެ! މި ދެންނެވި މޮޅު އިތުރު ގޮތަށް ވެރީންނަށް ނަޞޭޙަތް­ ދިނުމަށް­­ފަހުގައި މީސްްތަކުންގެ މަދަޙަސަނާ ތިމާއަށް ހޯދަން އުޅެގެން އެކަން ނަމަނަމަ ފަސާދަކޮށްނުލާށެވެ. ފަހެ ތިމަން އެބައިމީހުނަށް ނަޞޭޙަތްދިނީމޭ، ވިވެނިމިވެނިހެން ބުނީމޭ، މީސްތަކުންގެ ތެރޭގައި ނުކިޔާށެވެ.

  ”ފަހެ މިއީ ދެއްކުންތެރިކަމުގެ، الرِّيَاءُ ގެ ދަލީލެކެވެ. އަދި އޭނާގެ އިމާންތެރިކަމުގެ ބަލިކަމުގެ ޢަލާމާތެކެވެ. މި ނޫނަސް އެންމެނަށް އެނގި މަޢުރޫފުވެގެންވާ އެތަކެއް ގެއްލުމެއް މި ކަމުގައި ވެއެވެ.“ أهـ. [އައްރިޔާޟުއްނާޟިރާ: 49 – 50]

  ވެރީންނަށް ނަޞޭޙަތްދިނުމުގައި ސިއްރުން އެކަން ކުރަން ޖެހޭކަމަށް ދަލީލުލިއްބައިދެނީ އިބްނު އަބީ ޢާޞިމް  އެކަލޭގެފާނުގެ އައްސުންނަތޭ ކިޔުނު ފޮތުގައި ރިވާކުރެއްވާފައިވާ، އަލްޢައްލާމާ އަލްބާނީ  ޞައްޙަކުރައްވާ މި ޙަދީޘުންނެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «من أراد أن ينصح لذي سلطان فلا يبده علانية ولكن يأخذ بيده فيخلوا به فإن قبل منه فذاك وإلا كان قد أدى الذي عليه» މާނައީ: ”ވެރިއަކަށް ނަޞޭޙަތެއް ދޭން އެދޭ މީހާ، ފަހެ އޭނާ ފާޅުގައި އެކަން ނުކުރާހުށްޓެވެ. އެހެނެއްކަމަކު، އެ ވެރިޔާގެ އަތުގައި ހިފައިގެން ގޮސް އެކަހެރިވެ، އޭނާއަށް ނަޞޭޙަތް­ދޭށެވެ. އެ ނަޞޭޙަތް އޭނާގެ ކިބައިން ބަލައިގެންފިނަމަ، (އޭނާ އެދުނު ކަމަކީ) އެއެވެ. އަދި ބަލައިނުގެންފި ނަމަ، ނަޞޭޙަތް ދިން މީހާ އޭނާގެ މަސްއޫލިއްޔަތު އަދާކޮށްފިއެވެ.“ [އިބްނު އަބީ ޢާޞިމްގެ އައްސުންނާ: 2 / 507]

  [މި ބަސްތައް ނަޤުލުކޮށްފައި މިވަނީ އައްޝައިޚް ޢަބްދުއްރައްޒާޤް އަލްބަދްރު –  – ތަޙްޤީޤުކުރައްވާފައި ވާ، ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާގެ، «قاعدة مختصرة في وجوب طاعة الله ورسوله وولاة الأمور» މި ފޮތުންނެވެ.] ↩︎