ޝާރިޙުގެ މުޤައްދިމާ

بسم الله الرحمن الرحيم

الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين. أما بعد:

ފަހެ މި ޝަރަޙަ ކުރެވޭ ފޮތުގެ ނަމަކީ ”އަލްއަރްބަޢޫން“ (އެބަހީ: ސާޅީސް ޙަދީޘް) މިއެވެ. ފޮތުގެ މުއައްލިފު  ވަނީ 40 ޙަދީޘުގެ މައްޗަށް ފޮތް ކުރުކުރައްވާފައެވެ. އެހެނީ، މި އުއްމަތަށް 40 ޙަދީޘް ޖަމާކުރި މީހެއްގެ މާތްކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘުގައި ވަނީ ވާރިދުވެފައެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް ވާރިދުވެގެން ވެއެވެ. ”ތިމަންކަލޭގެފާނުގެ އުންމަތަށް 40 ޙަދީޘް ރައްކާކޮއްފި މީހާ، ފަހެ ޤިޔާމަތްދުވަހުން ﷲ އޭނާ ނެރުއްވާހުށީ ފަޤީހުންނާއި ޢިލްމުވެރީންގެ ޖަމާޢަތުގެ ތެރޭގައެވެ.“ އެހެން ރިވާޔަތެއްގައި ވެއެވެ. ”ޤިޔާމަތް­ދުވަހުން ތިމަން­ކަލޭގެފާނު ވާހުށީ އޭނާއަށްޓަކައި ޝަފާޢަތްތެރިވާ އަދި ހެކިވާ ބޭކަކަލަކު ކަމުގައެވެ.“1

ފަހެ ޔަޙްޔާ ބިން ޝަރަފް އައްނަޥަޥީ އެދިވަޑައިގަތީ މި މަތިވެރި އަޖުރުގެ ނަޞީބު ލިބިގަތުމަށެވެ. އެގޮތުން ރިވެތި އަދަބާއި، އަޚްލާޤާއި، ޞާލިޙު ޢަމަލުތަކުގެ މައްޗަށް އެކުލެވޭ މި މާނަ ފުން ޙަދީޘްތައް ހޮއްވަވައި، މި ކުރު މުއައްލަފުގައި އެއްކުރެއްވިއެވެ. އެކަމަކު މި މުއްލަފަކީ، މި ފޮތަކީ، އޭގެ ފައިދާއާއި ހެޔޮކަމުގެ ގޮތުން މަތިވެރި ޤަދަރެއް ދެވިގެންވާ ފޮތެކެވެ. ޞަޙީޙު ޙަދީޘާއި ޙަސަނު ދަރަޖައިގެ ޙަދީޘްތަކުން ޙަދީޘް ހޮއްވަވައި ނެންގެވިއެވެ. ދެން އޭގެ ފަހުގައި އަލްއިމާމް އިބްނު ރަޖަބް2  ވަޑައިގެން އޭގެ ތެރެއަށް ދިހަ ޙަދީޘް3 އެއްކުރައްވައި 50 ހަމަކުރެއްވައި އެކަލޭގެފާނުގެ «جَامِعُ الْعُلُومِ وَالْحِكَمِ» އޭ ކިޔުނު ފޮތުގައި އެ ޙަދީޘްތައް ޝަރަޙަ ކުރެއްވިއެވެ. ފަހެ އެ ޝަރަޙައަކީ އެ ނޫން ފޮތަކުން ނުލިބިދާނޭ ފަދަ، އަގުހުރި އެތައް ޢިލްމީ ފައިދާތަކުން ފުރިގެންވާ ފޮތެކެވެ. އެ ފޮތަކީ ޙަޤީޤަތުގައި ވެސް (އެ ފޮތަށް ނަންދެއްވާފައި ވާ ފަދައިން) ޢިލްމާއި ޙިކްމަތް އެއްކުރައްވާފައި ވާ ފައިދާހުރި މަތިވެރި ފޮތެކެވެ. 40 ޙަދީޘް ފޮތުގެ އަޞްލަކީ މިއެވެ.

އަލްއިމާމުއްނަޥަޥީ  އަކީ ދީނީ އެތަކެއް ޢިލްމެއްގައި ތަޚައްޞުޞް ވެވަޑައިގެން ހުންނެވި މަތިވެރި އިމާމެކެވެ. އެކަލޭގެފާނަކީ، ޙަދީޘާއި، ފިޤުހާއި، ޢަރަބި ބަހާއި މި ފަންނުތަކުގެ މުތަޚައްޞިޞެކެވެ. އެކަލޭގެފާނުގެ ފޮތްތަކަށް ވަނީ މުސްލިމުންގެ މެދުގައި މަޤްބޫލުކަން ލިބިފައެވެ. އެއީ —— އެކަލޭގެފާނުގެ ހެޔޮ ނިޔަތާއި ﷲ  އަށް ވީ އިޚްލާޞް­ތެރިކަމުގެ ސަބަބުންނެވެ. ފަހެ މިގޮތުން އެކަލޭގެފާނުގެ ފޮތްތަކުގެ އަޘަރު ދެމިގެން ދިޔައެވެ. އޭގެ ތެރޭގައި ޝަރަޙަކުރެވޭ މިފޮތް ”އަލްއަރްބަޢޫން“ އާއި ”ރިޔާޟުއްޞާލިޙީން“ އަދި އަލްއިމާމް މުސްލިމްގެ ”ޞަޙީޙު“ ގެ ޝަރަޙަ ހިމެނެއެވެ. އަދި މީގެ އިތުރުން ފިޤްހު ޢިލްމުގައި، އަލްއިމާމް އައްޝާފިޢީ  ގެ މަޛްހަބުގައި އެއަށް އިޢުތިމާދުވެވޭ ފޮތްތަކެއް އެކަލޭގެފާނުގެ ފޮތްތަކުގެ ތެރޭ ހިމެނެއެވެ. ފަހެ އެކަލޭގެފާނު ވަނީ މަތިވެރި އިމާމެއް ކަމުގައެވެ. އަދި ﷲ ވަނީ އެ ފޮތްތަކަށް މަޤްބޫލުކަން ލައްވާފެއެވެ. އަދި މުސްލިމުން ވަނީ އެއިން މަންފާ ހޯދާފައެވެ. އެ ފޮތްތަކުގައިވާ އަގުހުރި ޢިލްމާއި، މަތިވެރި ހެޔޮކަމާއި، އޭގެ ފުރިހަމަކަމުން، އަދި އަދަށް ދާންދެން ވެސް މުސްލިމުން ދަނީ އެ ފޮތްތަކަށް ރުޖޫޢަވެ އެއަށް އިޢްތިމާދު­ވަމުންނެވެ. ފަހެ ﷲ އެ މާތް އިމާމަށް ރަޙްމަތް ލައްވާށިއެވެ.


  1. މިއީ ޟަޢީފު، ބަލި ޙަދީޘެކެވެ. އަލްޙާފިޡް އައްނަޥަޥީގެ މުޤައްދިމާގައި މީގެ ތަފްޞީލު ބަޔާންވެގެން ދާނެއެވެ. ↩︎

  2. އަލްއިމާމުލް ޙާފިޡް ޒައިނުއްދީން އަބުލް ފަރަޖް ޢަބްދުއްރަޙްމާން ބިން އަޙްމަދު އިބްނު ރަޖަބް އިބްނުލް ޙަސަން އައްސަލާމީ އަލްޙަންބަލީއަކީ ހިޖުރައިން 8 ވަނަ ޤަރުނުގައި ދިމިޝްޤުގައި އުޅުއްވި ބޮޑު ދަންނަބޭކަލެކެވެ. މުޙައްދިޘެއް އަދި ފަޤީހެއް މެއެވެ. އުފަންވެވަޑައިގަތީ 736ހ. ގައެވެ. އަވަހާރަވީ 795ހ. ވަނަ އަހަރުގައެވެ. އެކަލޭގެފާނު ވަނީ އަގުހުރި އެތައް ފޮތެއް އުންމަތަށް ދޫކުރައްވާފައެވެ. ↩︎

  3. އިމާމް ނަޥަޥީ އެއްކުރެއްވީ 42 ޙަދީޘެވެ. ޝައިޚް ފައުޒާން –– ޝަރަޙަކުރައްވާފައި ވަނީ މި 42 ޙަދީޘެވެ. އޭގެ ތެރެއަށް އިބްނު ރަޖަބު  އެއްކުރެއްވީ 8 ޙަދީޘެވެ. ↩︎