ޙަދީޘް 2: حديث جبريل

عَنْ عُمَرَ  أَيْضًا قَالَ: بَيْنَمَا نَحْنُ [جُلُوسٌ] عِنْدَ رَسُولِ اللهِ ﷺ ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ ﷺ، فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ.

وَقَالَ: «يَا مُحَمَّدُ، أَخْبِرْنِي عَنْ الْإِسْلَامِ.» فَقَالَ رَسُولُ اللهِ ﷺ «الْإسْلَامُ: أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.» قَالَ: «صَدَقْت.» فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ!

قَالَ: «فَأَخْبِرْنِي عَنْ الْإيمَانِ.» قَالَ: «أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.» قَالَ: «صَدَقْت.»

قَالَ: «فَأَخْبِرْنِي عَنْ الْإحْسَانِ.» قَالَ: «أَنْ تَعْبُدَ اللهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك.»

قَالَ: «فَأَخْبِرْنِي عَنْ السَّاعَةِ.» قَالَ: «مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.»

قَالَ: «فَأَخْبِرْنِي عَنْ أَمَارَاتِهَا.» قَالَ: «أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ، يَتَطَاوَلُونَ فِي الْبُنْيَانِ.»

ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا، ثُمَّ قَالَ لِي: «يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟» ‫‬قُلْتُ: «اللهُ وَرَسُولُهُ أَعْلَمُ.» قَالَ: «فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ.»

رَوَاهُ مُسْلِمٌ.


ޢުމަރު  ގެ އަރިހުން އަދިވެސް ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންމެން رسول الله ﷺ ގެ އަރިހުގައި [އިށީނދެވަޑައިގެން] ތިއްބަވަނިކޮށް ފިރިހެނަކު ތިމަން­މެންގެ ތެރެއަށް އައެވެ. އޭނާގެ ހެދުމުގެ ހުދުކަން ގަދައެވެ. އިސްތަށީގެ ކަޅުކަން ގަދައެވެ. އަދި އޭނާގެ ކިބައަކުން ދަތުރެއްގެ އަސަރެއް ނުފެނެއެވެ. އަހުރެމެން ތެރެއިން ބޭކަލަކު އޭނާ ނުމެ ދަނޭމެއެވެ. ދެން މާތް ނަބިއްޔާ ﷺ ގެ ކުރިމަތިފުޅުގައި، އެކަލޭގެފާނުގެ ކަކޫފުޅާއި ކަކޫ ޖެހޭހެން އިށީނދެ، އެކަލޭގެފާނުގެ ފައިގެ ފަލަމަސް­ގަނޑު މަތީ އަތްތިލަ ބޭއްވިއެވެ.

އަދި ދެންނެވި­އެވެ. ”އޭ މުޙައްމަދެވެ. އިސްލާމް­ކަމުގެ ޚަބަރު ތިމަންނާއަށް ދެއްވާށެވެ.“ ފަހެ رسول الله ﷺ ޙަދީޘްކުރެއްވިއެވެ. އިސްލާމް­ކަމަކީ: ”ﷲ މެނުވީ ޙައްޤުވެގެން އަޅުކަން­ކުރެވޭ އިލާހަކު ނުވާ­ ކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާ­ކަމަށް ތިބާ ހެކިވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީ، ރަމަޟާން­މަހު ރޯދަ ­ހިފައި، އަދި ތިބާއަށް ގެފުޅަށް ދާން ކުޅަދާނަ­ވެއްޖެ ނަމަ ގެފުޅަށް ޙައްޖު­ވުމެވެ.“ ދެންނެވިއެވެ. ”ތެދެކެވެ.“

(ޢުމަރުގެފާނު ވިދާޅުވިއެވެ.) ފަހެ އެކަލޭގެފާނާ ސުވާލުކޮށްފައި ދެން ތެދުކުރާތީ އަހަރެމެން އޭނާއާ މެދު އަޖައިބު­ވި‏­­އެވެ.

އަދި ދެންނެވިއެވެ. ”ދެން އީމާންކަމުގެ ޚަބަރު ތިމަންނާއަށް ދެއްވާށެވެ.“ ޙަދީޘް­ކުރެއްވިއެވެ. އެއީ ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ފޮތްތަކަށާއި، އެކަލާނގެ ރަސޫލުން­ނަށާއި، އާޚިރަތް­ދުވަހަށް އީމާންވުމާއި، ހެޔޮ އަދި ނުބައި މިންވަރަށް އީމާންވުމެވެ.“ ދެންނެވިއެވެ. ”ތެދެކެވެ.“

ދެންނެވިއެވެ. ”ދެން އިޙްސާންކަމުގެ ވާހަކަ ތިމަންނާއަށް ބުނެދެއްވާށެވެ.“ ޙަދީޘް­ކުރެއްވިއެވެ. ”އެއީ ތިބާއަށް ﷲ ފެނިހުރެ ކުރާ ފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ.“

ދެންނެވިއެވެ. ”ދެން (ޤިޔާމަތްވާނޭ) ސާޢަތުގެ ވާހަކައިން ތިމަންނާއަށް ޚަބަރު ދެއްވާށެވެ.“ ޙަދީޘް­ކުރެއްވިއެވެ. ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް ސުވާލު­ކުރެވުނު ފަރާތަށް ތިކަން އެނގިގެނެއް ނުވެއެވެ.“ ދެންނެވިއެވެ. ”އެހެންވެއްޖެއްޔާ ޤިޔާމަތުގެ ޢަލާމަތްތަކުގެ ޚަބަރު ތިމަންނާއަށް ދެއްވާށެވެ.“ ޙަދީޘްކުރެއްވިއެވެ. ”އެއީ އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. އަދި ހުސްފަޔާ، އޮރިޔާން ނިވާނުވެ، ފަޤީރު ޙާލުގައި އުޅޭ ގެރިބަކަރި ހުއިހައްޕާ މީހުން އުސް އިމާރާތް ބިނާކުރުމުގައި ވާދަކޮށް އުޅުމެވެ.“

(ޢުމަރުގެފާނު ވިދާޅުވިއެވެ.) ދެން އެމީހަކު ހިނގައްޖެއެވެ. ދެން ދުވަސްކޮޅަކަށް ފަހު އެކަލޭގެފާނު ޙަދީޘް­ކުރެއްވިއެވެ. ”އޭ ޢުމަރުގެފާނެވެ. ސުވާލު އެ ކުރެއްވީ ކާކު ކަން ކަލޭގެފާނަށް އެނގިވަޑައި­ގަންނަވާ ތޯއެވެ؟“ ތިމަން (ޢުމަރުގެފާނު) ދެންނެވީމެވެ. ”މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އާއި އެކަލާނގެ ރަސޫލާ­އެވެ.“ ޙަދީޘް­ކުރެއްވިއެވެ. ”އެއީ ޖިބްރީލެވެ. ތިޔަ­ބައި­މީހުންނަށް ތިޔަބައިމީހުންގެ ދީން އުނގަންނަ­ވައި­ދެއްވުމަށް ވަޑައި­ގެންނެވީއެވެ.“

ރިވާކުރެއްވީ މުސްލިމް


ޝަރަޙަ (އައްޝައިޚް ޞާލިޙް ބިން ފައުޒާން އަލްފައުޒާން)

މި ޙަދީޘަކީ އިސްލާމްކަމުގެ ރުކުންތަކާއި، އީމާންކަމުގެ ރުކުންތަކާއި، އިޙްސާންކަމާއި، ޤިޔާމަތުގެ ޢަލާމާތް­ތަކުން ބައެއް، ރަސޫލާ ﷺ ބަޔާން­ކުރައްވާފައި ވާ މަތިވެރި ޙަދީޘެކެވެ. މި ޙަދީޘުގައި މި ވަނީ މުޅި ދީން ބަޔާންވެގެންނެވެ. އަދި ދީނުގައި ދަރަޖަތަކެއް ވާކަމާއި، ދީނުގައި އެންމެން އެއްހަމަ ވެގެން ނުވާކަން މި ޙަދީޘުން ހާމަވެއެވެ. އެއީ ކިޔަމަންވެ ބޯލަނބައިގެން ހުރި މުސްލިމާއި، އީމާންވާ މުއުމިނާއި، އިޙްސާންތެރިކަމާއެކު އެކަލާނގެއަށް އަޅުކަންކުރާ މުޙްސިނެވެ. މި ދަރަޖަތައް ވަނީ އެއް ދަރަޖައަށް ވުރެ އަނެއް ދަރަޖަ މަތީގައެވެ. އަދި ބައެއް ދަރަޖަތައް އަނެއް ދަރަޖައަކަށްވުރެ ފުޅަލެވެ. އެކަމަކު ދީނަށް އުޅޭ ކޮންމެ މީހަކު ވެސް މި ތިން ދަރަޖައިން ކޮންމެވެސް ދަރަޖައަކަށް ފެތޭނެއެވެ.

ޙަދީޘުގައި ވެއެވެ. «بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ ﷺ» ”ތިމަންމެން رسول الله ﷺ ގެ އަރިހުގައި އިށީނދެ­ވަޑައިގެން ތިއްބަވަނިކޮށް…“ ފަހެ ޞަހާބީން  އާދައިގެ މަތިން އަބަދު ވެސް ރަސޫލާ ﷺ ގެ އަރިހުގައި އިށީނދެވަޑައިގެން އެކަލޭގެފާނުގެ އަރިހުން ދީން އުނގެނިވަޑައިގެން، އެކަލޭގެފާނު އަރިހުން ދީނުގެ ކަންތަކާ މެދު ސުވާލުދަންނަވައި އުޅުއްވައެވެ. މި ގޮތުގައި އެއްދުވަހަކު އެބޭކަލުން ތިއްބަވަނިކޮށް ޢަޖާއިބުކުރުވަނިވި މީހަކު އެބޭކަލުންގެ ތެރެއަށް އައެވެ. ޢުމަރު  ވިދާޅުވި ފަދައިންނެވެ. «إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ.» ”އެ ހިނދު ކުއްލިއަކަށް ފިރިހެނަކު ތިމަން­މެންގެ ތެރެއަށް އައެވެ. އޭނާގެ ހެދުމުގެ ހުދުކަން ގަދައެވެ. އިސްތަށީގެ ކަޅުކަން ގަދައެވެ. އަދި އޭނާގެ ކިބައަކުން ދަތުރެއްގެ އަސަރެއް ނުފެނެއެވެ. އަހުރެމެން ތެރެއިން ބޭކަލަކު އޭނާ ނުމެ ދަނޭމެއެވެ.1“ ފަހެ މިއީ އަޖާއިބު ކަމެކެވެ. އެހެނީ އެ މީހަކީ އެ ބޭކަލުންގެ ރަށު މީހެއް ނަމަ އެ ބޭކަލުންނަށް އެ މީހަކު އެނގިވަޑައިގަތީހެވެ. ޞަޙާބީންނަށް އެ މީހަކު އެނގިވަޑައިނުގަތުމުން ދަލީލުކޮށްދެނީ އެ މީހަކީ ރަށުން ބޭރުން އައި މީހެއް ކަމެވެ. އެކަމަކު ދަތުރުކޮށްފައި އައި ކަމުގެ އެއްވެސް އަސަރެއް އޭނާގެ ގަޔަކު ނެތެވެ. ސަހަރާތެރޭ ދަތުރުކޮށްފައި އަންނަ މީހެއް ވެއްޖެއްޔާ އާންމުކޮށް ހުންނާނީ ވައިގެ ސަބަބުން ބޯ ހޭވި، ގަޔަށާއި ހެދުމަށް ހިރަފުސް ބުރާފައެވެ. ޙަދީޘްގައި ވާ ފަދައިން «أشعث أغبر»2 ”ބޯ ހޭވި، ހިރަފުސް ވެފައެވެ.“ އެހެނީ ދަތުރެއް ކުރާ އިރު މީހަކަށް ތިމާގެ ނަފްސާއި، ހެދުމާއި ޖިސްމަކަށް މާ ބޮޑަށް އަޅައެއް ނުލެވޭނެއެވެ. އެކަމަކު މި މީހާ އަކީ ރަށުގެ ރަށްވެއްސެއް ނޫނެވެ. އަދި ދަރުތުކޮށްފައި އައި ބީރައްޓެއްސެއް ވެސް ނޫނެވެ. އަދި ޞަޙާބީންނަށް އެ މީހާ އެނގިވަޑައިއެއް ވެސް ނުގަންނަވާ މެއެވެ. ރަށު މީހެއް ނަމަ އެ ބޭކަލުންނަށް އެނގިވަޑައިގަތީހެވެ. ނަމަވެސް ފަހުން އެނގިގެން ދަނީ، އިސްވެ ބަޔާންވެދިޔަ ސޫރައިގައި ވަޑައިގެންނެވީ، ޖިބްރީލް  ކަމެވެ.

އާންމު ގޮތެއްގައި ޖިބްރީލް  ނަބިއްޔާ ﷺ ގެ އަރިހަށް ވަޑައިގަންނަވަނީ އިންސާނެއްގެ ސޫރައިގައެވެ. އެއީ މަލާއިކަތުން ހެއްދެވިފައިވާ އަސްލު ސޫރައިގައި ދުށުމަކީ އާދަމުގެ ދަރީންނަށް ކުޅަދާނަވެގެން ވާ ކަމެއް ނޫނެވެ. އެހެންވެ މީސްތަކުން އެކަލޭގެފާނުގެ ކިބައިން ބިރުން ފިލައިދާނެތީ ޖިބްރީލުގެ ފާނު ވަޑައިގަންނަވަނީ އިންސާނެއްގެ ސޫރައިގައެވެ. ޢާންމު ގޮތަކީ އެއީއެވެ. އެހެނީ އާދަމުގެ ދަރީންގެ މައްޗަށް މަލާއިކަތުން އެބޭކަލުންގެ އަސްލު ސޫރައިގައި ފާޅުވަނީ މަރުވާ ހިނދު ނުވަތަ ޢަޛާބު ފޮނުއްވޭ ހިނދުގައެވެ. މަރު އަންނަ ހިނދު، ނޫނީ ޢަޛާބެއް ފޮނުއްވޭ ހިނދު—والعياذ بالله—މަލާއިކަލުން އެ ބޭކަލުންގެ އަސްލު ސޫރައިގައި ފާޅުވެދާހުށްޓެވެ. ﷲ  ވަޙީކުރެއްވިއެވެ. يَوۡمَ يَرَوۡنَ ٱلۡمَلَٰٓئِكَةَ لَا بُشۡرَىٰ يَوۡمَئِذٖ لِّلۡمُجۡرِمِينَ މާނައީ: ”އެއުރެން މަލާއިކަތުން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެ ދުވަހުން ކުށްވެރިންނަކަށް އުފާވެރި ޚަބަރެއް ނެތެވެ.“ އެކަމަކު އަމާންކަމުގެ ޙާލުގައި ޙާލުގައި އެބޭކަލުން ވަޑައިގަންނަވާނަމަ ވަޑައިގަންނަވާނީ މީސްތަކުން ދެކެފަރިތަ އެބައިމީހުންނާ ރައްޓެހި ސިފައެއްގައެވެ. ﷲ ވަނީ މަލާއިކަތުންނަށް އެކި ސޫރައަށް ބަދަލުވުމުގެ ކުޅަދާނަކަން ދެއްވާފައެވެ.

ޖިބްރީލު  އެކަލޭގެފާނުގެ އަސްލު މަލަކިއްޔަ ސޫރަފުޅުގައި ވަނިކޮށް ނަބިއްޔާ ﷺ ވެސް ދެކެވަޑައިގަތީ ދެ ފަހަރުއެވެ.

ފުރަތަމަ ފަހަރަކީ: އެކަލޭގެފާނަށް މައްކާގެ މުޝްރިކުންގެ ދުއްތުރާ އެންމެ ބޮޑުވެފައި ވީ ހިނދު މައްކާގެ ބަޠްޙާއު3 ގައެވެ. އެހިނދު ޖިބްރީލު  ވަނީ މުޅި އުދަރެސްމަތި ބައްދާލައްވާފައެވެ. ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވައި، އެކަލާގެފާނަށް ކުރިމަތިވަމުން ދިޔަ ކަންކަމަށް އެކަލޭގެފާނަށް ކެތްތެރިކަން ލައިދެއްވައި ހެއްދެވިއެވެ.4

ދެވަނަ ފަހަރަކީ: މިޢުރާޖުގެ ރޭ ސިދްރަތުލް މުންތަހާގެ5 ކައިރިންނެވެ. الله تعالى ވަޙީކުރެއްވިއެވެ. وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ ١٣ عِندَ سِدۡرَةِ ٱلۡمُنتَهَىٰ6 މާނައީ: ”ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެން ފަހަރަކު ވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދްރަތުލް މުންތަހާގެ ކައިރިންނެވެ.“ ފަހެ މި ނޫން އެހެން ފަހަރުތަކުގައި އެކަލޭގެފާނު ވަޑައިގަންނަވަނީ ފިރިހެނުން ކުރެ ރީތިކަން ބޮޑު ފިރިހެނެއްގެ ސޫރައިގައެވެ.

ޢުމަރުގެފާނު، ޙަދީޘުގައި ވިދާޅުވިއެވެ. «شَدِيدُ بَيَاضِ الثِّيَابِ» ”އޭނާގެ ހެދުމުގެ ހުދުކަން ގަދައެވެ.“ އެއީ ސާފްތާހިރުކަމުގެ ގޮތުންނެވެ. «شَدِيدُ سَوَادِ الشَّعْرِ» ”އިސްތަށީގެ ކަޅުކަން ގަދައެވެ.“ އެއީ އެކަލާގެ ފާނުގެ ސޫރަފުޅުގެ ރީތިކަމުންނެވެ. މި ކަމުން ދަލީލުކޮށްދެނީ ކިޔަވާކުއްޖާ ޢިލްމުގެ މަޖްލިސްތަކަށް ޙާޟިރުވާއިރު ސާފުތާހިރުވެ ޒީނަތްތެރިވާން ޖެހޭ ކަމަށެވެ. އެހެނީ (ރަސޫލާ ﷺ ގެ އަރިހަށް) ޖިބްރީލު  ވެސް ވަޑައިގަތީ އުނގެނި­ވަޑައި­ގަންނަވާ، އަދި އުނގަންނަ­ވައި­ދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އެގޮތުން ރަސޫލާ ﷺ ގެ މަޖްލިސަށް ވަޑައިގަންނަވަންވީ ގޮތް އެ ބޭކަލުންނަށް އުނގަންވައި­ދެއްވިއެވެ. އެހެނީ ޢިލްމުގެ މަޖްލިސްތަކަކީ ހަމަޖެހުމާއި މަޑުމޮޅިކަމުގެ މަޖިލިސްތަކެކެވެ. އަދި ރަސޫލާ ﷺ އާ ބައްދަލުކުރާ އިރުގައްޔާއި ޢިލްމުވެރިންނާ ބައްދަލުކުރާއިރު އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. އަދި ޢިލްމުވެރިންނަށް ކަމޭހިތައި އެބޭކަލުން މާތްކޮށް މަތިވެރި ކުރުމީ އެދެވިގެންވާ ކަމެކެވެ. އެހެނީ ތިބާ ޢިލްމުވެރިޔާއަށް ގަދަރު ނުކުރާނަމަ، އެ ޢިލްމުވެރިޔާއަށް އިޙްތިރާމް ނުކުރާނަމަ، އޭނާގެ ޢިލްމަކުން ތިބާ ފައިދާ ލިބި ނުގަަންނާނެއެވެ.

«فَجَلَسَ إلَى النَّبِيِّ ﷺ» ”ދެން ނަބިއްޔާ ﷺ ގެ ކުރިމަތިފުޅުގައި އިށީނދެވަޑައިގެންފިއެވެ.“ މި ބަސްފުޅުގައި ޢިލްމު ހޯދާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ އަދަބުތަކުން ބައެއް އަދަބުތައް ވެއެވެ.

ފުރަތަމައީ: ތިމާގެ ހައިއަތާއި ސޫރައިގައި ޒީނަތްތެރިވުމެވެ.

ދެވަނައީ: އެދުރުމީހާގެ ކުރިމަތީ ދަރިވަރު އިންނަން ވާނީ، އޭނާ ކިޔައިދޭ ޢިލްމެއް ލިބިގަތުމަށް ހުޝިޔާރުވެ، އޭނާއަށް ކުރިމަތިލައިގެންނެވެ. ފުރަގަސްދީ، ކޮޅުކޮޅަށް އެނބުރި، ސަކަރާތްޖަހައި ހަދައިގެން ނުވާނެއެވެ. އަދި އޭނާގެ ކުރިމަތީ އެހެން ކަމަކާ މަޝްޣޫލުވެގެން ނުވާނެއެވެ. އެކަމަކު އިންނަން ވާނީ ތިމާގެ ހަށްޓާއި ފިކުރުން އެއްކޮށް އެދުރުމީހާއަށް ކުރިމަތިލައިގެންނެވެ. އެއީ އޭނާގެ ޢިލްމުން އެއްވެސް ބައެއް ބީވެ ނުދިޔުމަށްޓަކައެވެ.

«فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ» ”ދެން އެކަލޭގެފާނުގެ ކަކޫފުޅާއި ކަކޫފުޅު ޖެެއްސެވިއެވެ.“ އެބަހީ: ޖިބްރީލު  ރަސޫލާ ﷺ އާ ގާތްވެވަޑައިގެން، ރަސޫލާ ﷺ ގެ ކުރިމަތިފުޅުގައި، ރަސޫލާ ﷺ ގެ ކަކޫފުޅާއި، ޖިބްރީލު  ގެ ކަކޫފުޅު ޖެހޭނޭހެން އިށީނދެ­ވަޑައިގެންނެވިއެވެ. މިތާނގައި މިވަނީ ދަރިވަރު އެދުރުމީހާއާ ގާތްވާން ޖެހޭ ކަމެވެ. އެއީގެ ކިބައިން ޙާޞިލުވާ ފައިދާ މެދުނުކެނޑިގެން ދިޔަ ނުދިނުމަށްޓަކައެވެ. ދުރުގައި އިންނަ މީހާއަށް ފަހަރެއްގައި އަޑު ނީވިދާނެއެވެ. ނުވަތަ އަޑު އިވުނަސް ބައެއް ފަހަރު އުސްތާޛުގެ އަޑު ސާފު ނުވެދާނެއެވެ. އެކަމަކު އުސްތާޛާ ގާތްވުމުން ސާފުކޮށް އަޑުއިވޭނެއެވެ. ޞަޙާބީން  ވެސް ނަބިއްޔާ ﷺ ގެ އަރިހުން ޢިލްމު ހޯއްދަވަން ތިއްބަވާއިރު އެކަލޭގެފާނާ އަރިސްވެވަޑައިގެން އެކަލޭގެފާނު ވަށާލައްވައެވެ.

ދެން ޙަދީޘުގައި މި އަންނަނީ: «وَوَضَعَ كَفَّيْهِ» އެބަހީ: ޖިބްރީލުގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅު ބޭއްވިއޭ «عَلَى فَخِذَيْهِ» ޖިބްރީލުގެފާނުގެ (އަމިއްލަފުޅު) ފަލަމަސްގަނޑު މަތީގައި.7 މީގައި މި ވަނީ ކިޔަވާ ކުއްޖާ އިންނަން ވާނީ މަޑުމައިތިރިކަމާ އަދަބުވެރިކަމާ އެކުގައި ކަމެވެ. އަދި ގިނަ ޙަރަކާތް ނުކޮށް، ދަރުސް އަޑުއެހުމުން މަޝްޣޫލު ކުރުވާ ކަންކަމުން ދުރުވެގެން ކަމެވެ.

ދެން އެކަލޭގެފާނު، ނަބިއްޔާ ﷺ އާ ސުވާލު ކުރެއްވިއެވެ. އެކަލޭގެފާނު ފުރަތަމައިނުން އިށީނދެ­ވަޑައިގެން ހަމަ­ޖެހި­ވަޑައި­ގެންނެވީއެވެ. ހަމަ ވަޑައިގެންނެވި ގޮތަށް ސުވާލުކުރެއްވީކީ ނޫނެވެ. ސުވާ ލުކުރެއްވީ ވަޑައިގެން އަދަބުވެރިކަމާއެކު އިށިނދެވަޑައިގެންފަ­އެވެ. ޢިލްމު ހޯދަން އުޅޭ ދަރިވަރެއްގެ ސިފައަކީ މިއީއެވެ. އޭނާގެ އަދަބު ހުންނަން ޖެހޭ ގޮތަކީ މިއީއެވެ.

ޖިބްރީލު  މިތާ ނަބިއްޔާ ﷺ އާ ސުވާލު މި ކުރެއްވީ ކުރައްވާ ސުވާލުތަކުގެ ޖަވާބު އެނގިވަޑައިގަންނަވާ ޙާލުއެވެ. އެއީ އެކަލޭގެފާނުގެ އަޞްޙާބުންނަށް އުނގަންނައި ދެއްވުމަށެވެ. މީގެ އިތުރުން އުނގަންނައި ދިނުމުގައި ސުވާލާއި ޖަވާބުގެ އުސްލޫބުން އުނގަންނައިދިނުން މީގައި ވެއެވެ. އެ ގޮތަކީ ވިސްނައިގަންނަން ފަސޭހަ، އަދި ޖަވާބަށް ޝައުޤުވެރިވެ ސަމާލުކަން ބޮޑުވާނޭ ގޮތެކެވެ. ހަމަ ވަގުތުން ކުއްލިއަކަށް އެއްޗެއް ކިޔައިދިނުމުން ފަހަރެއްގައި އެއަށް ސަމާލުކަން ނުދެވިދާނެއެވެ. އެހެންކަމުން ސުވާލާއި ޖަވާބުގެ މަގަކީ އުނގަންނައިދިނުމުގެ މަގުތަކުން ފައިދާހުރި މަގެކެވެ.

ދެން ޖިބްރީލު  ވިދާޅުވިއެވެ. «أَخْبِرْنِي عَنْ الْإسْلَامِ» ”އިސްލާމް­ކަމުގެ ޚަބަރު ތިމަން­ކަލޭގެފާނަށް ދެއްވާށެވެ.“ އެބަހީ: އިސްލާމް ދީނުގެ ޙަޤީޤަތް ތިމަންކަލޭގެފާނަށް ބަޔާންކޮށްދެއްވާށެވެ. އެހެނީ އިސްލާމް ދީނުގެ ޙަޤީޤަތަކީ ކޮންމެ މުސްލިމަކަށް ވެސް އެނގެން ޖެހޭ ކަމެކެވެ. އިސްލާމް ދީނުގެ ޙަޤީޤަތް ނޭނގި ހަމައެކަނި އިސްލާމް ދީނަށް ނިސްބަތްވުމަކުން ނުވަތަ ތިމަންނާ އަކީ މުސްލިމެކޭ ބުނުމަކުން ނުފުދޭނެއެވެ. އެހެނީ އޭނާއަށް އިސްލާމް ދީނަކީ ކޮބައިކަން ނޭނގޭހައި ހިނދަކު އެ ދީނަކަށް ޢަމަލެއް ނުކުރެވޭނެއެވެ. ތިމާއަށް ނޭނގޭ ކަމެއް ކުރާނީ ފަހެ ކިހިނަކުން ތޯއެވެ؟ އެހެންކަމުން ﷲ އެދިވޮޑިގަންނަވާ ގޮތަށް އެ ދީނުގެ ކަންކަން އަދާކުރެވޭނީ އެ ދީނުގެ ޙަޤީޤަތް އެނގިގެންނެވެ.

ޖަވާބުގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «الْإسْلَامُ: أَنْ تَشْهَدَ أَن لَّا إلهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبيتَ إِنِ اسْتَطَعْت إلَيْهِ سَبِيلًا.» ”އިސްލާމް­ކަމަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަން­ކުރެވޭ އިލާހަކު ނުވާ­ކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ­ކަމަށް ތިބާ ހެކިވެ، ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ރަމަޟާން­މަހު ރޯދަ­ހިފައި، އަދި ތިބާއަށް ގެފުޅަށް ދާން ކުޅަދާނަ­ވެއްޖެ­ނަމަ ގެފުޅަށް ޙައްޖު­ވުމެވެ.“ މިއީ އިސްލާމްކަމުގެ ފަސް ރުކުނެވެ. ހިތުގެ އިޢްތިޤާދާ އެކު މި ފަސް ރުކުން ކޮންމެހެން ވެސް އަދާކުރަން ޖެހޭނެއެވެ. މި ފަސް ރުކުނުގެ އިތުރަށް ދެންހުރި ވާޖިބު ކަންކަންކަމާއި، މުސްތަޙައްބު (ސުންނަތް) ކަންކަމަކީ މި ފަސް ރުކުން ފުރިހަމަކޮށްދޭ ކަންކަމެވެ. އެއީ މި ރުކުންތަކުގެ އިތުރަށް ކޮންމެހެން ވެސް ފުރިހަމަ ކުރަން ޖެހޭ ވާޖިބު ކަންތައްތަކާއި، ފުރިހަމަކުރުން އެދެވޭ މުސްތަޙައްބު ކަންތައްތަކެވެ. މި ފަސް ރުކުނަކީ އިސްލާމް ދީން އޭގެ މައްޗަށް ބިނާވާ އަސާސްތެކެވެ. ދެންހުރި ވާޖިބުތަކާއި ސުންނަތްތައް އަންނާނީ އޭގެ ފަހުގައެވެ. މީހަކު މި ފަސް ރުކުން ނުވަތަ އެއިން ބައެއް ދޫކޮށްފައި ދެން އެހެން ވާޖިބު ނޫނީ ސުންނަތް ކަންކަން ކުރިއަސް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އޭރުން އޭނާގެ އަމަލުތައް އެ ބިނާކުރީ އަސާސެއް ބިންގަލެއް ނެތިއެވެ. ބިނާއެއް ކޮޅަށް ހުންނާނީ އޭގެ ބިންގަލުގެ މައްޗަށެވެ.

މި ރުކުންތަކަކީ މުޅި އިސްލާމް ދީނެއް ނޫނެވެ. މިއީ ހަމައެކަނި ދީނުގެ ރުކުންތަކެވެ. ބަރު ހިފަހައްޓައިދޭ ތަނބުތަކެވެ. އެކަމަކު އިސްލާމް ދީނުގެ ދާއިރާ ވަރަށް ފުޅާވެފައި ތަނަވަސްވެގެން ވެއެވެ. އިސްލާމް ދީނަކީ ﷲ އަމުރު­ކުރެއްވި އެންމެހައި ކަމެއް ކުރުމާއި އެކަލާނގެ ނަހީ­ކުރެއްވި އެންމެހައި ކަމަކުން ދުރުވެގަތުމެވެ. އެހެން ކަމުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. «الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِن لِّسَانِهِ وَيَدِهِ، وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللهُ عَنْهُ.» މާނައީ: ”މުސްލިމަކީ އޭނާގެ އަތާއި ދުލުން (އެބަހީ: އެ ދޭތީގެ ނުބައިކަމުން) އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ. އަދި މުހާޖިރަކީ ﷲ ނަހީކުރެއްވި ކަންކަން ހަޖްރުކޮށް ދޫކޮށްލާ މީހާއެވެ.“ ފަހެ އިސްލާމްކަމަކީ އެކަލާނގެ އަމުރުކުރެއްވި އެންމެހައި އަމުރުފުޅަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަމަކުން ދުރުހެލިވުމެވެ. މި ގޮތުން އިސްލާމްކަމުގެ ރުކުންތަކުން ރުކުނެއް އުނިވެއްޖެ ނަމަ އޭނާގެ އިސްލާމްކަން ޞައްޙަ ނުވާހުށްޓެވެ. (ރުކުންތައް ފިޔަވައި) އެނޫން ކަމަކުން އުނިވެއްޖެއްޔާ އޭނާގެ އިސްލާމްކަން ވާހުށީ އޭނާ ދޫކޮށްލި ކަންތައްތަކާ އެއްވަރަށް އުނިވެގެންނެވެ. ﷲ  ވަޙީކުރައްވައެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدۡخُلُواْ فِي ٱلسِّلۡمِ كَآفَّةٗ މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މުޅި އިސްލާމް ދީނަށް އެއްކޮށް ވަންނާށެވެ!“ އެބަހީ: އެ ދީނުގެ ކިޔަމަނުގެ ތެރެއަށް އެއްކޮށް ވަންނާށެވެ. ދީނުން ބައެއްގައި ހިފާފައި އަނެއް ބައެއް ދޫކޮށްނުލާށެވެ. އެކަމަކު ތިމާއަށް ކުޅަދާނެވެގެންވާ މިންވަރަކުން މުޅި ދީނުގައި ހިފަން ޖެހޭނެއެވެ. އެއްބައި ނަގާފައި މިވަރުން ތިމާއަށް ފުދެއޭ ބުނެގެން ނުވާނެއެވެ.

އިސްލާމް ދީނަކީ: ތައުޙީދުގެ މަތީ ﷲ އަށް އަމާންދީ ބޯލަނބައި ކިޔަމަންވުމެވެ. އަދި ޝިރުކާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ. މިއީ އިސްލާމް ދީނަކީ ޢާންމު ތަޢުރީފެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ  ޛިކުރުކުރައްވާފައިވާ، އަދި އެކަލޭގެފާނުގެ އަރިހުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްޥައްހާބް  އެކަލޭގެފާނުގެ «ثَلَاثَةُ الْأصُولُ» ގައި ނަޤުލު­ކުރައްވާފައިވާ ތަޢުރީފެވެ. މިއީ އިސްލާމް ދީނުގެ ޢާންމު މާނައެވެ. މި ފަސް ރުކުނަކީ އެ ދީން ނަގަހައްޓާ މުޑިތަކެވެ. މުޅި ދީނެއް ނޫނެވެ. އެއީ އޭގެ މައްޗަށް ދީން ބިނާވެފައިވާ ކަންތައްތަކެވެ. ދެން އަންނަން އޮތް އިބްނު ޢުމަރު ރިވާކުރެއްވި ޙަދީޘުގައި ވާ ފަދައިންނެވެ. «بُنِيَ الْإسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ…» ”އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާ ކަމަށް ހެކިވުމާއި…“ މި ޙަދީޘެވެ. އެއީ އިސްލާމް ދީން އޭގެ މައްޗައް ބިނާވެފައިވާ ޤަވާޢިދުތަކާއި އަސާސްތަކެވެ.

ދެން ޙަދީޘުގައި އިސްލާމްދީނުގެ ފަސް ރުކުން ޛިކުރުކުރެއްވިއެވެ.

އެއީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމް­ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށް ޙައްޖުވުމެވެ.

މި ގޮތުން ފުރަތަމަ ރުކުނަކީ: ޝަހާދަތުގެ ދެ ކަލިމައަށް ހެކިވުމެވެ. އެއީ އެއިން އެއް ކަލިމައަށް ހެކި­ވެފައި އަނެއް ކަލިމައަށް ހެކިނުވެއެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް ހެކިވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙައެއް ނުވާނެއެވެ. ހަމަ އެހެންމެ، މުޙައްމަދު ﷺ ގެ ރިސާލަތަށް ހެކިވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް އޭނާ އިންކާރު ކުރާނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަތަކުން ފައިދާއެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކިވާން ޖެހޭނެއެވެ.

ފުރަތަމަ: أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތަށް ހެކިވުމުގެ މާނައަކީ އަޅުކަންކުރުމުގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމެވެ.

ދެވަނައަށް: أَشْهَدُ أن مُحَمَّدًا رَسُولُ اللهِ މި ޝަހާދަތުގެ މާނައަކީ ފުރިހަމައަށް ތަބާވުމާއި އިޤްތިދާވުމުގައި ނަބިއްޔާ –– ޚާއްޞަކުރުމެވެ. އެހެނީ ﷲ –– ގެ ޙަޟްރަތުން ދީން އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވީ އެކަލޭގެފާނެވެ. މިތާ ޝަހާދަތުގެ މާނައަކީ ހަމައެކަނި އެ ކަލިމަތައް ދުލުން ކިޔައިލުމެއް ނޫނެވެ. އެއާ އެއްކޮށް ޢަމަލު ވެސް އަންނަން ޖެހޭނެއެވެ.

«أَشْهَدُ أن لَا إلَهَ إلَّا اللهُ» މި ކަލިމައިގެ މާނައަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއް ނުވާކަމަށް ތިމަން ޔަޤީންކޮށް އިޢުތިރާފުވަމެވެ. «لَا» އަކީ މިތާ «لا» النافية للجنس އެވެ. މުޅި ޖިންސު އެކީ ނަފީކުރާ އަކުރެކެވެ. «إلَهَ» އަކީ އިސްވެދިޔަ ނަފީގެ «لَا» ގެ އިސްމެވެ. އެއާއެކު އެވަނީ ނަޞްބުގެ ޙާލަތުގައި އަބަފިލީގެ މައްޗަށް ބިނާވެފައެވެ. އެ ނަފީގެ «لَا» ގެ ޚަބަރަކަށް ބެލޭނީ «بِحَقٍّ» މި ކަލިމައެވެ. އެހެންކަމުން މި ކަލިމައިގެ ފުރަތަމަ ބައިގެ މާނައަކީ «لَا إلَهَ بِحَقٍّ» އެއްވެސް ޙައްޤު އިލާހެއް، އަޅުކަންކުރެވޭ ފަރާތެއް ނުވެއެވެ. އޭގެ މާނައަކީ «لَا إلَهَ» އެއްވެސް އިލާހަކު ނުވެޔެކޭ ނޫނެވެ. މުރާދަކީ ޙައްޤުވެގެންވާ އިލާހެއް ވުން ނަފީކުރުމެވެ. އެހެނީ ބާޠިލު އެތައް އިލާހެއް ވެއެވެ. މީހުންގެ ތެރޭގައި، އިރަށް އަޅުކަންކުރާ މީހުންނާއި، ހަނދަށާއި، ތަރިތަކަށް އަޅުކަންކުރާ މީހުންނާއި، ގަސްގަހާއި ހިލައަށް އަޅުކަންކުރާ މީހުންނާއި، ޤަބުރުތަކާއި މަރުވެފައިވާ މީހުންނަށާއި، ޒިޔާރަތް ފަދަ ތަންތަނަށް އަޅުކަންކުރާ މީހުން ހިމެނެއެވެ. އަދި ކިއެއްހެއްޔެވެ؟ އިންޑިޔާގައި އަޅުކަންކުރާ ފަދައިން ގެރިއަށް އަޅުކަންކުރާ މީހުންނާއި ލަދުވެތި ގުނަވަންތަކަށް އަޅުކަންކުރާ މީހުން ވެސް އުޅެއެވެ. والعياذ بالله. އެހެންކަމުން ދުނިޔޭގައި މީހުން އަޅުކަންކޮށް އުޅޭ އެތައް ބައިވަރު އިލާހުންތައް ވެއެވެ. އެހަމަކު ޙައްޤުވެގެންވާ ހަމައެކަނި އިލާހަކީ ﷲ  އެވެ. ﷲ ވަޙީކުރެއްވިއެވެ. ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ މާނައީ: ”އެހެނީ، ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ޢަޡަމަތްތެރި އިލާހެވެ.“

اَلْإِلَٰهُ ގެ މާނައަކީ މަޢުބޫދެވެ. އެބަހީ: އަޅުކަން ކުރެވޭ ފަރާތެވެ. އެހެންކަމުން «أَشْهَدُ أن لَا إلَهَ إلَّا اللهُ» ގެ މާނައަކީ: ﷲ ފިިޔަވައި ޙައްޤު މަޢުބޫދަކު ނުވެއެވެ. މި އިބާރާތުން ހުރިހައި ބާޠިލު މަޢުބޫދުން ނަފީކުރެއެވެ. ﷲ ފިޔަފައި އަޅުކުރެވޭ މަޢުބޫދުންނަކީ ބާޠިލު ތަކެއްޗެވެ. ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ ”އެހެނީ، ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ.“

ފުރަތަމަ ޝަހާދަތުގެ މާނައަކީ މިއެވެ. މި ތަނުގައި «لَا» ގެ ޚަބަރަކީ مَوجُودٌ (ވުޖޫދުގައި ވުން) ކަމުގައި ނުބެލެވޭނެއެވެ. [އެބަހީ: «لَا» އިން ނަފީކުރަނީ ﷲ ފިޔަވައި އެހެން އިލާހަކު ވުޖޫދުގައި ވުމެއް ނޫނެވެ.] ބައެއް މީހުން ބުނެއެވެ. [އޭގެ މާނައަކީ:] «لَا إلَهَ مَوجُودٌ إلَّا اللهُ» ﷲ ނޫން އިލާހަކު ވުޖޫދުގައި ނުވެއެވެ. [މި އެވެ.] މިއީ ޞައްޙަ ގޮތެއް ނޫނެވެ. އެތައް ބައިވަރު އިލާހުންތަކަކަށް ދުނިޔެމަތީގައި އަޅުކަންކުރެވޭކަން އެންމެން ވެސް ދަނެއެވެ. ދުނިޔެމަތީގައި ޝިރުކު އުފެދުނު ހިސާބުން ފެށިގެން ޤިޔާމަތަށް ދާންދެން ވެސް ޝިރުކު މި ބިންމަތީ ވާނެއެވެ. އަދި އަޅުކަންކުރެވޭ ތަފާތު އިލާހުން ވެސް ވާނެއެވެ. ނަމަވެސް ހަމައެކަނި ޙައްޤު އިލާހަކީ ﷲ  އެވެ. ﷲ ވަޙީކުރެއްވިއެވެ. وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ މާނައީ: ”އުޑުގައި ވެސް އިލާހަކީ އެކަލާނގެއެވެ. އަދި ބިމުގައި ވެސް އިލާހަކީ އެކަލާނގެއެވެ.“ ފަހެ އުލޫހިއްޔަތު8 ޙައްޤުގޮތުގައި ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ  އަށެވެ. އެއިލާހު ފިޔަވައި އަޅުކަންކުރެވޭ އެހެން ފަރާތްތަކުގެ އުލޫހިއްޔަތު ވަނީ ބާޠިލުވެގެންނެވެ. އެއީ ޙައްްޤަކާ ނުލައި އަޅުކަންކުރެވޭ ފަރާތްތަކެކެވެ. «لَا إلَهَ إلَّا اللهُ» ގެ މާނައަކީ މިއީއެވެ. އަދި ޢަރަބިބަހުގެ ޢިލްމުވެރީން ކުރެ މުޙައްޤިޤުންގެ ގާތުގައި އެ ކަލިމައިގެ އިޢުރާބަކީ[^22] މިއީއެވެ.

«أَشْهَدُ أن مُحَمَّدًا رَسُولُ الله» ގެ ”މާނައަކީ، މުޙައްމަދުގެފާނީ ﷲގެ ޙަޟްރަތުން އެންމެހައި މީސްތަކުންގެ ގާތަށް —އިންސީންނާއި ޖިންނީންގެ ގާތަށް— ފޮނުއްވި ރަސޫލެއް ކަމަށް ތިމާ އިޢުތިރާފުވެ އިޤްރާރުވަމެވެ.“

ފަހެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާ އެތެރެފުށާއި ބޭރުފުށުން އިޤްރާރުވާން ޖެހޭނެއެވެ. ބޭރުފުށުން ތިމާގެ ދުލުންނެވެ. އެތެރެ ފުށުން ތިމާގެ ހިތުންނެވެ. އެކަލޭގެފާނީ ﷲގެ ރަސޫލާ ކަމަށް ދުލުން އިޤްރާރުވެފައި ހިތުން އެކަމަށް އންކާރުކުރާނަމަ އޭނާއަކީ މުނާފިޤެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ”ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެ ހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، ﷲ ގެ ރަސޫލާ ކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާ ކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިޤުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.“ އެމީހުންނީ އެމީހުންގެ ޝަހާދަތުގައި —ހެކިވީ ހެކިވުމުގައި— ދޮގުވެރިންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް އެބައިމީހުން އިޢުތިރާފެއް ނުވެއެވެ. ދުލުން ކަމައެކަނި ޝަހާދަތުގެ ބަސްތައް ކިޔައިލަނީ މުސްލިމުންނާ އެކު އުޅެ، ދުނިޔަވީ ފައިދާތަކެއް ހޯދުމަށެވެ. ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ ”އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ.“ އެބަހީ: އެމީހުން ވަންހަނާވެ ރައްކާތެރިވާން ސުތުރާއެއްގެ ގޮތުގައި އެ ބަސްތައް ހެދިއެވެ. އެކަމަކު އެބައިމީހުންގެ ހިތްތަކުގައި އެބައިމީހުންނީ ކާފަރުންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް ބޭރުފުށުންނާއި އެތެރެފުށުން ވެސް އިޢުތިރާފުވާން ޖެހޭނެއެވެ.

ހަމަ އެހެންމެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާގެ ހިތުން އިޢުތިރާފުވެފައި، ދުލުން ފާޅުގައި އެ ބަސްތައް ބުނަން އިންކާރުކުރާ ނަމަ އޭނާ ވެސް މުއުމިނަކަށް ނުވާނެއެވެ. އެހެނީ މުޝްރިކުން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އިޢުތިރާފުވިއެވެ. ﷲ ވަޙީކުރެއްވިއެވެ. قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِ‍َٔايَٰتِ ٱللَّهِ يَجۡحَدُونَ މާނައީ: ”އެއުރެން (އެބަހީ: މުޝްރިކުން) ބުނާ ބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުން ދާކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެން (ހިތުގެ އަޑިން) ކަލޭގެފާނު ދޮގެއް ނުކުރެތެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ ﷲ ގެ އާޔަތްތަކާ މެދުގައެވެ.“ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އެމީހުން ދަނެއެވެ. އެކަމަކު އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ޖާހިލިއްޔަ އިލާހުންތަކަށް އޮތް ތަޢައްޞުބުގެ ސަބަބުން އެމީހުން އެކަލޭގެފާނުގެ ރިސާލަތަށް ހެކިވުމަށް ހުރަސްއެޅިއެވެ.

ހަމެ އެގޮތަށް ޔަހޫދީންނާއި ނަޞާރާއިން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އެބައި­މީހުންގެ ހިތް­ތަކުން އިޢުތިރާފުވެއެވެ. އެކަމަކު އެމީހުންގެ ދޫތަކުން އެކަމަށް އިޢުތިރާފުނުވެ، އެކަމާ އެމީހުން ދެކޮޅު­ހެދީއެވެ. ﷲ ވަޙީކުރެއްވިއެވެ. ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ9 ”ތިމަން ﷲ އެ ބަޔަކަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު—އެބަހީ: ﷲ ގެ ރަސޫލާ ﷺ—ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާ­ކުރާކަން ކަށަވަރެވެ.“

ފަހެ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ދުލުން އެކަމަށް އިޢުތިރާފު ނުވެ ހަމައެކަނި ހިތުން އެކަން ގަބޫލު ކޮށްލުމަކުން ނުފުދޭނެއެވެ. އެހެނީ މުޝްރިކުންނާއި، ޔަހޫދީންނާއި ނަޞާރާއިން ވެސް ވީ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހިތުން އިޢުތިރާފުވާ ބައެއް ކަމުގައެވެ. އެކަމަކު ދުނިޔޭގައި އެބައިމީހުންގެ މަޤާމާއި އެމީހުންގެ ރިޔާސަތު ގެއްލިދާނެ ކަމުގެ ބިރަށް، ނޫނީ ރަސޫލާ ﷺ އާ މެދު އޮތް ޙަސަދައެއްގެ ސަބަބުން، ނޫނީ އެބައިމީހުންގެ ބޮޑާކަމުގެ ސަބަބުން، ނޫނީ އެހެންވެސް ނުބައި އެދުމަކާ ހެދި އެ ބަސް ދުލުން ބުނަން އިންކާރުކުރީއެވެ.

ދެންފަހެ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ހެކިވާނަމަ ކޮންމެހެން ވެސް އެކަލޭގެފާނާ ތަބާވާން ޖެހޭނެއެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ތިމާގެ އެރެތެފުށާއި ބޭރުފުށުން، [ހިތާއި ދުލުން،] ހެކިވެފައި އެކަލޭގެފާނާ ތަބާނުވާނަމަ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އޭނާ އެވީ ހެކިވުން، އޭނާގެ އެ ޝަހާދަތް، ޞައްޙަވެގެންނެއް ނުވާނެއެވެ. ﷲ ވަޙީކުރެއްވިއެވެ. فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ10 ”ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބާވަނީ، ހަމައެކަނި އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށެވެ.“

އެކަލޭގެފާނުގެ އެއްވެސް އަމުރުފުޅަކަށް ބޯނުލަނބާ މީހާއަކީ ކާފަރެކެވެ. އަދި ބައެއް ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަންވެފައި އަނެއްބައި ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަން ނުވާނަމަ އޭނާގެ ޝަހާދަތަކީ (ހެކިވީ ހެކިވުމަކީ) އުނިވެގެން ވާ ޝަހާދަތެކެވެ. އެކަލޭގެފާނަށް ކޮންމެހެން ވެސް ކިޔަމަންވާން ޖެހޭނެއެވެ.

ﷲ ވަޙީކުރެއްވިއެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ11 މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަން­ވާށެވެ! އަދި، ރަސޫލާ­އަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަން­ވާށެވެ!“ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ12 ”އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއިވޭ ޙާލު ތިޔަބައިމީހުން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!“ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ13 ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި­މީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައި­މީހުން ބާޠިލު­ކޮށްނުލާށެވެ!“ مَن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا14 ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަން­ވެއްޖެއެެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.“ وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ15 ”އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.“ وَإِن تُطِيعُوهُ تَهۡتَدُواْۚ16 ”އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ.“

ބައެއް ފަހަރު ﷲ އަށް ކިޔަަންވުމާ އެކުގައި އެކަލޭގެފާނަށް ކިޔަމަންވުން އެކަލާނގެ ވަނީ ޛިކުރު­ކުރައްވާފައެވެ. އަދި އަނެއްބައި ފަހަރު އެކަލޭގެފާނަށް ކިޔަމަންވުން ވަނީ ވަކިން ޛިކުރު­ކުރައްވާފަ­އެވެ. އެހެންކަމުން އެކަލޭގެފާނަށް ކިޔަމަންވުމާއި އެކަލޭގެފާނަށް ތަބާވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ދެ ކަމެވެ.

އަދި ހަމަ އެފަދައިން އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލޭގެފާނު ގެންނެވި ކަންތަކުގެ ތެރެއަށް އަމިއްލަ ކަންކަން އިތުރު ނުކޮށް އެކަލޭގެފާނު ގެންނެވި ވަރުން ފުއްދާލުމެވެ. ދީނުގެ އަޅުކަންތަކުގެ ތެރެއަށް، ރަސޫލާ ﷺ ޝަރުޢުކުރައްވާފައި ނުވާ ކަމެއް ގެނެސްގެން ނުވާނެއެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ. «وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ.» ”އަދި އަލަށް ދީނުގެ ތެރެއަށް ގެނެވޭ ކަންކަމާމެދު ތިޔަބައިމީހުން ރައްކާވެ ތިބޭށެވެ. އެހެނީ ކޮންމެ އާ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“ «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ.» ”އަހަރެމެންގެ މި ދީނުގެ ތެރެއިން ނުވާ ޢަމަލެއް ކޮށްފި މީހާ، ފަހެ، އޭނާގެ ޢަމަލު ވަނީ ރައްދުކުރެވިގެންނެވެ.“

އެހެންކަމުން، ބިދުޢަތަކާއި، ދީނުގެ ތެރެއަށް ގެނެވޭ އައު ކަންތަކުން ދުރުވެ، ރަސޫލާ ﷺ ގެންނެވި މިންވަރުން ފުއްދާލުމީ «أَشْهَدُ أن مُحَمَّدًا رَسُولُ الله» މި ޝަހާދަތުގެ މާނައިގެ ތެރޭ ކަމެކެވެ.

ދެން ހަމަ އެފަދައިން، އެކަލޭގެފާނު ޚަބަރުދެއްވި އެންމެހައި ކަމަކާއި، އަމުރުކުރެއްވި ކަންކަމާއި ނަހީކުރެއްވި އެންމެހައި ކަމެއްގައި އެކަލާގެފާނުގެ ބަސްފުޅު ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނު އެންގެވި ގޮތަށް އަޅާ ޢަމަލުކުރި ކަމުގައި ވިޔަސް އެ ކަންކަން ތެދުނުކުރާނަމަ އެއީ މުނާފިޤުންގެ ގޮތެވެ. މުނާފިޤުން ވެސް ނަމާދުކޮށް ރޯދަހިފައި ޙައްޖުވެ ޖިހާދުކޮށް ހަދައެވެ. އެކަމަކު ރަސޫލާ ﷺ ގެ ރިސާލަތު އެމީހުން ތެދެއް ނުކުރެއެވެ. އެހެންކަމުން، ޣައިބުގެ ކަންތައްތަކުގެ ތެރެއިން މާޒީވެ ގޮސްފައިވާ ކަންތައްތަކާއި، މުސްތަޤްބަލުގައި ވާނޭ ކަންކަމުގެ ވާހަކަތަކުން އެކަލޭގެފާނު –– ޚަބަރުދެއްވި ކަންކަމާއި އެކަލޭގެފާނު ޚަބަރުދެެއްވި އަމުރުފުޅުތަކާއި ނަހީތަކާއި، މިހެން ގޮސް އެކަލޭގެފާނު ގެންނެވި ކަންކަމުން އެއްވެސް ކަމެއްގައި އެއްވެސް ޝައްކެއް ކުރުމަކާ ނުލައި ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުގެ ޙައްޤުގައި ﷲ –– ވަޙީކުރެއްވިއެވެ: وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ”އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ.“ އަދި ވެސް އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ. وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ ” އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ!“

ފަހެ ރަސޫލާއަށް ކިޔަމަންވެ އިޤްތިދާވުމަކީ ވާޖިބެކެވެ. އަދި ރަސޫލާ ﷺ ގެންނަވައިފައި ނުވާ ބިދުޢަތަކާއި، ދީނުގެ ތެރެއަށް އަލަށް ގެނެވޭ ހުރިހައި ކަމެއް ދޫކޮށްލުމަކީ ވެސް ވާޖިބެކެވެ. ހުރިހައި ހެވެއް ވަނީ ރަސޫލާ ގެންނެވި ކަންކަމުގައެވެ. އެކަލޭގެފާނު ނުގެންނަވާ ކޮންމެ ކަމަކީ ނުބައެކެވެ. ހެޔޮ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރާ މީހާ ކިތަންމެ ހެޔޮ އެދިގެން އެ ކަން ކުރި ކަމުގައި ވިޔަސް ކަން އޮތީ އެހެންނެވެ. އޭނާ ބުނަނީ: މިއީ އިތުރު ހެވެކެވެ. އަހަރެމެން ބުނާނީ: ނޫނެކެވެ. ތިޔައީ ބިދުޢައެކެވެ. ބިދުޢައަކީ ރައްދުކުރެވިގެންވާ އެއްޗެކެވެ. ތިޔައީ ނުބައި ކަމެކެވެ. ތިބާ ތިޔަ ދަޢުވާކުރާ ގޮތުގައި ތިޔަ ކަމަކީ ތިބާ ﷲ އާ ކުއްތަން ކޮށްދޭނޭ ކަމެކެވެ. އެކަމަކު އަސްލު ތިޔަ ކަމަކީ ތިބާ ﷲ އާ ދުރުކޮށްދޭނޭ ކަމެކެވެ.

ފަހެ މިއީ ޝަހާދަތުގެ ދެ ކަލިމައިގައި، «أشْهَدُ أَنْ لَا إلَهَ إلَّا اللهُ وَ أشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ»، މި ދެ ކަލިމައިގައި އެކުލެވިގެންވާ ބައެއް މާނަތަކެވެ.

ހަމަ އެފަދައިން ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވުމަށްފަހު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާ މީހުން، ފަހެ އެމީހުންގެ ޝަހާދަތް ޞައްޙަ ނުވާހުށްޓެވެ. އެއީ މިއަދު އިސްލާމުން ކަމަށް ދަޢުވާކުރާ ޙާލު ޤަބުރުތަކާއި، ޒިޔާރަތްތަކަށް އަޅުކަން ކުރާ މީހުން ފަދަ މީހުންނެވެ. ފަހެ ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވެ އެމީހުން ވީ ޝަހާދަތް ޞައްޙަ ނުވާހުށްޓެވެ. އެހެނީ އެމީހުންގެ ޝިރުކުން އެ ޝަހާދަތް އުވާލީއެވެ. އެމީހުން ދުލުކުރިން «لَا إلَهَ إلَّا اللهُ» ކީ ކަމުގައި ވިޔަސް ޢަމަލުކުރަނީ އެއާ ޚިލާފަށެވެ. އަޅުކަން ކުރަނީ ﷲ ނޫން ފަރާތްތަކަށެވެ. ދުޢާކުރަނީ އެކަލާނގެ ނޫން ފަރާތްތަކުގެ ކިބައަށެވެ. އަދި ބޮޑުކަމެއް ޖެހިއްޖެ ނަމަ އެހީއަށް އެދެނީ މަރުވެފައިވާ މައްޔިތުންގެ ކިބައިންނެވެ. ފަހެ މިބައިމީހުން ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ހަމަށް ހެކިވެ، ޙައްޤު ގޮތުގައި ޝަހާދަތް ކީޔައި އިސްލާމްވީކަމުގައި ނުވެއެވެ. އެހެނީ އެމީހުންގެ ބަހާއި ޢަމަލާ ދިމާނުވެއެވެ.

ދެވަނަ ރުކުނަކީ: ނަމާދު ޤާއިމްކުރުމެވެ. އެކަލާގެފާނު ޙަދީޘްކުރައްވަނީ: «وَتُقِيمَ الصَّلَاةَ» ”އަދި ތިބާ ނަމާދު ޤާއިމްކުރުމެވެ.“ އެބަހީ ރެޔަކާ ދުވާލު ފަރުޟުކުރައްވާފައިވާ ފަސް ނަމާދު އަދާކުރާށެވެ.

ނަމާދު ޤާއިމްކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެހެނީ ”ނަމާދު ކުރާށޭ“ އެކަލާގެފާނު ޙަދީޘްނުކުރައްވައެވެ. ޙަދީޘްކުރެއްވީ ”ނަމާދު ޤާއިމްކުރާށެވެ.“ މުރާދަކީ ނަމާދު ޤާއިމުކުރުމެވެ. ހަމައެކަނި ނަމާދުގެ ސޫރައެއް ނޫނެވެ.

ނަމާދު ޤާއިމްކުރާނީ ނަބިއްޔާ ﷺ އެ ނަމާދު ކުރެއްވި ގޮތަށް ނަމާދު ކޮށްގެންނެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެެއްވިއެވެ. ”ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.“ ފަހެ އެކަލޭގެފާނު ލޮލުން ދެކެފައިވާ މީހާ ސީދާ އެކަލޭގެފާނާ އިޤްތިދާވާނީއެވެ. އަދި އެކަލޭގެފާނުގެ ޚަބަރާއި ޞައްޙަ ޙަދީޘްތައް އެމީހަކާ ހަމައަށް ފޯރައިފައި ވާ މީހާ، އޭނާ އާ ހަމައަށް ފޯރައިފައި އެ ޞައްޙަ ޙަދީޘްތަކަށް ތަބާވާނީއެވެ. ފަހެ މިއީ ނަމާދު ޤާއިމްކުރުމުގެ ތެރޭ ހިމެނޭ ކަމެކެވެ. އެއީ ނަބިއްޔާ ﷺ ނަމާދު ކުރެއްވި ގޮތަށް ނަމާދު ކުރުމެވެ. ތިމާ އަމިއްލައަށް އެއަށް އިތުރުކުރުއެއް އަދި އެއިން އުނިކުރުމަކާ ނުލައެވެ.

ހަމަ އެފަދައިން ނަމާދު ޤާއިމްކުރުމުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ އެ ނަމާދަކަށް ﷲ ކަނޑައަޅުއްވާފައިވާ ވަގުތުގައި އެ ނަމާދު ކުރުމެވެ. ﷲ (ތަޢާލާ) ވަޙީކުރެއްވިއެވެ. إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا (ނިސާ 103) ”ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައި ވެއެވެ.“ އެހެންވީމާ ނަމާދު އޭގެ ވަޤުތުން ބޭރުކޮށްގެން ނުވާނެއެވެ. އެހެނީ މަޤްޞަދަކީ ﷲ އަމުރުކުރައްވާ ފަދައިން ނަމާދު ކުރުމެވެ. ﷲ ތިބާއަށް އަމުރުކުރައްވަނީ ނަމާދު އޭގެ ވަގުތުގައި ކުރުމަށެވެ. ނަބިއްޔާ ﷺ އަރިހު ސުވާލުދެންނެވުނެވެ. ((…)) ﷲ އަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ … ”ވަގުތަށް ނަމާދު ކުރުމެވެ.“

ތިމާގެ ހަފާނަފްސަށް ތަބާވެ، ހިތުހުރި ގޮތަކަށް، ބޭނުން އިރަކު… ނިދިން ހޭލެވުނު އިރަކުން… މަސައްކަތުން އަވަދިވީ އިރަކުން… މިހެން ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަވެގެން ނުވެއެވެ. އެހެނީ އޭނާ އެކުރީ ﷲ އޭނާއަށް އެ ނަމާދެއް ކުރަން އަމުރުކުރެއްވި ނަމާދެއް ނޫނެވެ. އޭނާ ނަމާދު އެކުރީ އޭނާގެ ހަވާނަފްސު އެދުނު ގޮތަށެވެ.

ނަމާދި ޤާއިމްކުރުމުގެ ތެރޭ ހިމެނޭ އަނެއް ކަމަކީ ނަމާދުގައި ޚުޝޫޢަތްތެރިވެ ހިތް ޙާޟިރު ކޮށްގެން ނަމާދު ކުރުމެވެ. ތިމާގެ ހަށިގަނޑު ނަމާދު ކުރިޔަސް ހިތް ޣާއިބުވެގެން ވާ މީހާ، ފަހެ އޭނާގެ ހިތް ޙާޟިރުވެ ހޭހުރި (އެބަހީ: ކިޔާނުކިޔާ އެނގުނު) ވަރެއް މެނުވީ އޭނާގެ ނަމާދުން އޭނާއަށް ނުވެއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. قَدْ أَفْلَحَ الْمُؤْمِنُونَ ١ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ”މުއުމިނުން ކާމިޔާބުވެއްޖެ ކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.“ އަދިވެސް ވަޙީ ކުރެއްވިއެވެ. وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ”ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ (އެ ނަމާދަކީ) ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)“ އެބަހީ ޚުޝޫޢަތްތެރިވާ މީހުންނަށް މެނުވީ ނަމާދަކީ ވަރަށް ބުރަ ކަމެކެވެ. ފަހެ ޚުޝޫޢަތްތެރިވާ މީހުންނަށް އެ ނަމާދަކީ އެއިން އެމީހުންނަށް ލައްޛަތު ލިއްބައިދޭ ލުއިފަސޭހަ ކަމެކެވެ. ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. (ފުރާނައެވެ.) ޚުޝޫޢަތްތެރިކަން ނުވާ ނަމާދު ފުރާނަ ނެތް ހަށިގަނޑެއް ފަދައެވެ. (އެކަމަކު) އޭނާ ބޭރުފުށުން އެ ނަމާދު ކޮށްފި ކަމުގައި ވާނަމަ އެ ނަމާދު އަލުން ކުރަން އޭނާއަށް އަމުރެއް ނުކުރެވޭނެއެވެ. އެކަމަކު އޭގައި އޭނާއަކަށް ޘަވާބެއް ނުވެއެވެ. ފަހެ (ނަމާދު ކުރާ މީހާ) ނަމާދުން އަވަދިވާއިރު ހުސްއަތާ ވެސް އަވަދިވެދާނެއެވެ. އެއީ އެ ނަމާދު ފެށީއްސުރެ ނިމެންދެން ވެސް އޭނާ ހިތް ނަމާދަށް ޙާޟިރުނުވާތީއެވެ. ނަމާދުކުރާ މީހާ އޭގެ އަޖުރުން މަދު މިންވަރަކާއިގެން ވެސް ނުކުމެދާނެއެވެ. އަދު އޭގެ ބޮޑު ބަޔަކާއިގެން ވެސް ނުކުމެދާނެއެވެ. އަދި ފަހަރެއްގައި އެ ނަމާދުގެ ފުރިހަމަ އަޖުރާއިގެން ވެސް އޭނާ ނުކުމެދާނެއެވެ. އެއީ ނަމާދުގައި އޭނާ ޚުޝޫޢަތްތެރިވުމުގެ ސަބަބުންނެވެ.

ހަމަ އެފަދައިން ނަމާދު ޤާއިމްކުރުމުގެ ތެރޭ ހިމެނޭ އަނެއް ކަމަކީ އެ ނަމާދު މިސްކިތުގައި ޖަމާޢަތުގައި ކުރުމެވެ. ފަހެ ހަމަކަށަވަރުން ޖަމާޢަތަކީ އެންމެހައި ފަރުދުންގެ މައްޗަށް، އެންމެހައި މީސްތަކުންގެ މައްޗަށް ވާޖިބުވެގެން ވާ ކަމެކެވެ. ފަހެ މިސްކިތަށް ޙާޟިރުވާން ކުޅަދާނަ ވެހެން ވާ ކޮންމެ މުސްލިމެއްގަ މައްޗަށް ޖަމާޢަތުގައި ނަމާދު ކުރުން ވާޖިބުވެގެން ވެއެވެ. ފަހެ ހަމަކަށަވަރުން ނަމާދުގެ ޖަމާޢަތަކީ އެންމެހައި މުސްލިމު ފަރުދުންގެ މައްޗަށް ވާޖިބުވެގެންވާ ވާޖިބެކެވެ. ފަހެ މިސްކިތަށް ޙާޟިރުވެ ޖަމާޢަތުގައި ނަމާދުކުރުމަށް ކުޅުދާނަވެގެން ވާ ކޮންމެ މުސްލިމަކަށް އެކަން ވާޖިބެވެ.

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. «من سمع النداء فلم يجب فلا صلاة له إلا من عذر» ”ބަންގީގެ އަޑު އަހާފައި އެއަށް އިޖާބަ ނުދިން މީހަކަށް ނަމާދެއް ނުވެއެވެ. ޢުޛުރަކާ ލައިގެން މެނުވީއެވެ.“

ކޮންމެ މީހަކު އޭނާގެ ގޭގައި ނުވަތަ އޭނާ ހުރި ތާކު ނަމާދު ކުރާނަމަ ބަންގި ޝަރުޢުކުރެއްވުނީ ކީއްކުރަން ހެއްޔެވެ؟ މުދިމު «حي على الصلاة، حي على الفلاح» ”ނަމާދަށް އަވަހަށް އަންނާށޭ… ފަލާޙު ލިބިގަންނަން އަންނާށޭ…“ މިހެން ގޮވަން ޝަރުޢުކުރެއްވުނީ ކީއްވެ ހެއްޔެވެ؟ މާނައަކީ ހިނގާށޭ ﷲ  ގެ ގެކޮޅެއްގައި ޖަމާޢަތުގައި ނަމާދުކުރަން. ޢުޛުރުވެރިޔާ، ނޫނީ އޭނާއާއެކު ނަމާދުކުރާނޭ ޖަމާޢަތެއް ނެތް މީހާ، ނުވަތަ އެ ހިސާބުގަނޑުގައި މިސްކިތެއް ނެތް މީހާ މެނުވީއެވެ. ފަހެ އެފަދަ މީހާ އޭނާ ހުރި ތާކު ނަމާދު ކުރާނީއެވެ. އެކަމަކު މިސްކިތެއް ކައިރީގައި ހުރެފައި، ބަންގީގެ އަޑުވެސް އިވި، ދުޅަހެޔޮކަންމަތީ އަމާންކަމުގައި ވާ މީހާ… މިފަދަ މީހަކު ގޭގައި ނަމާދު ކުރާނަމަ އޭނާއަކަށް އެ ނަމާދެއް ނުވެއެވެ.

އަދި މިބައި ތަރުޖަމާކޮށް ނުނިމޭ

  1. ބައެއް ރިވާޔްތްތަކުގައި، ޞަޙާބީން އެއްބޭކަލަކު އަނެއް ބޭކަލަކަށް ބައްލަވާ އެ މީހަކާ މެދު ސުވާލުކުރެއްވިކަމަށް އައިސްފައި ވެއެވެ. ↩︎

  2. މުސްލިމް 1050. (މި ފޮތުގެ ދިހަވަނަ ޙަދީޘް ބައްލަވާ.) ↩︎

  3. މިއީ މައްކާގައި އޮންނަ ތަނެކެވެ. ބަޠްޙާއު އަކީ ފެން ސައިލު ދެމި އަކިރިއާއި ކުދި ހިލަ ޖަމާވާ ތަނަވަސް ފުޅާ ބިންތަކަށް ކިޔޭ ނަމެކެވެ. ↩︎

  4. މި ވާހަކަތައް ބުޚާރީއާއި މުސްލިމް ގައި ޢާއިޝާ  ގެ އަރިހުން ރިވާވެގެން ވެއެވެ. ބުޚާރީ 3235، މުސްލިމް 177 ↩︎

  5. އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރް އައްސިޢްދީ  ވިދާޅުވިއެވެ. ސިދްރަތުލް މުންތަހާ އަކީ: ހަތްވަނަ އުޑުގެ މަތީގައިވާ ބޮޑުވެގެންވާ [ކުންނާރު] ގަހެކެވެ. އެ ގަހަށް ސިދްރަތުލް މުންތަހާއޭ ކިޔުނީ (1) އެއީ ބިމުން އުޑަށް އަރާ ހުރިހާ އެއްޗެއް ފޯރާ އިންތިހާ، އަދި ﷲގެ ޙަޟްތަރުން ފައިބާ [ބާވައިލެވޭ] ވަޙީއާއި އެނޫން ވެސް ތަކެތި އޭގެ ދޮށަށް ފައިބާތީޢެވެ. (2) ނުވަތަ އެއީ ޚަލްޤުތަކުންގެ ޢިލްމު ނިމޭ އިންތިހާއަށް ވާތީއެވެ. (3) ނޫނީ އެ ގަސް ވަނީ އުޑުތަކާއި ބިންތަކުގެ މަތީގައި ކަމުން އެއީ އެ އުޑުތަކާއި ބިންތަކުގެ އުސްކަމުގެ އިންތިހާއަށް ވާތީއެވެ. ނޫނީ އެނޫވެސް އެފަދަ އެހެން ސަބަބަކާހެދިއެވެ. [تفسير السعدي (ص: ٨١٩)] ↩︎

  6. سورة النجم 13–14 ↩︎

  7. މި ރިވާޔަތުގައި މި ވަނީ: «وَوَضَعَ كَفَّيْهِ عَلَى فَخِذَيْه» ”އެކަލޭގެފާނުގެ ފަލަމަސް­ގަނޑު މަތީ އެކަލޭގެފާނުގެ އަތްތިލަ ބޭއްވިއެވެ.“ މިހެންނެވެ. ހަމައެކަނި މި އިބާރާތަށް ބަލާއިރު މީގައިވާ ޟަމީރު (ބަދަލުނަން) ރައްދު ވަނީ ކާކަށް ކަން ސާފެއް ނުވެއެވެ.

    މި ތަނުގައި ޝައިޚް ފައުޒާން  މި ވިދާޅުވަނީ، އަދި މުސްލިމްގެ ޝަރަޙައިގައި އަލްޢައްލާމާ ނަޥަޥީ  ވެސް ވިދާޅުވަނީ އެ ޟަމީރު ރައްދު ވަނީ ޖިބްރީލުގެފާނަށް ކަމަށެވެ.

    ނަމަވެސް މީގެ ރަނގަޅު ގޮތަކީ އެ ޟަމީރު ރަސޫލާ  އަށް ރައްދުކުރުމެވެ. މި ކަން ޞަރީޙަކޮށް އަބޫހުރައިރާ އާއި އަބޫ ޛައްރު  މި ދެ ޞަޙާބީންގެ ރިވާޔަތުގައި އައިސްފައި ވެއެވެ. އެ ދެ ބޭކަަލުންގެ ރިވާޔަތުގައި ވަނީ: «وَوَضَعَ يَدَيهِ عَلَى رُكْبَتَيِ النَّبِيِّ ﷺ.» ”އެކަލޭގެފާނުގެ ދެ އަތްޕުޅު ނަބިއްޔާ ﷺ ގެ ދެކަކޫފުޅު މަތީ ބޭއްވިއެވެ.“ މިހެންނެވެ. ހަމައެހެންމެ އިބްނު ޢައްބާސާއި އަބޫ ޢާމިރު އަލްއަޝްޢަރީ  މި ދެ ބޭކަލުންގެ ރިވާޔަތުގައި ވެސް ވަނީ މި ގޮތަށެވެ.

    މި ރިވާޔަތްތަކުން މުސްލިމުގެ ރިވާޔަތުގައި ވާ ބަސްފުޅުގެ މާނަ ސާފުވެއެވެ. . [ބައްލަވާ: سنن النسائي (٤٩٩١)، شرح مسلم (١/١٥٧)، فتح الباري (١/١١٦)، شرح الأربعين لابن حجر (٨٨)، ذخيرة العقبى للإتيوبي (٣٧/١٨٧)] ↩︎

  8. އެބަހީ: އިލާހުވަންތަކަން، ނުވަތަ އެ ފަރާތަކަށް އަޅުކަންލިބުމުގެ ޙައްޤު. ↩︎

  9. سورة البقرة 146 ↩︎

  10. سورة القصص 50 ↩︎

  11. سورة النساء 59 ↩︎

  12. سورة الأنفال 20 ↩︎

  13. سورة محمد 33 ↩︎

  14. سورة النساء 80 ↩︎

  15. سورة آل عمران 132 ↩︎

  16. سورة النور 132 ↩︎