عَنْ أَبِي مَالِكٍ الْحَارِثِ بْنِ عَاصِمٍ الْأَشْعَرِيِّ قَالَ: قَالَ رَسُولُ اللهِ ﷺ «الطُّهُورُ شَطْرُ الْإِيمَانِ، وَالْحَمْدُ لِلهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللهِ وَالْحَمْدُ لِلهِ تَمْلَآنِ - أَوْ: تَمْلَأُ- مَا بَيْنَ السَّمَاءِ وَالْأَرْضِ، وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ، وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَك أَوْ عَلَيْك، كُلُّ النَّاسِ يَغْدُو، فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا».
رَوَاهُ مُسْلِمٌ.
އަބޫ މާލިކް އަލްޙާރިޘް ބިން ޢާޞިމް އަލްއަޝްޢަރީ ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ސާފްތާހިރުކަމަކީ1 އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި «الحمدُ لِلهِ» (މާނައީ: އެންމެހައި ޙަމްދެއް ހުރީ ﷲ އަށެވެ.)2 މި ކަލިމަ ޢަމަލުތަކުގެ މީޒާން (ތިލަފަތް) ފުރާލައެވެ. އަދި «سُبْحَانَ اللهِ وَالْحَمْدُ لِلهِ» (މާނައީ: ﷲގެ ހުސްޠާހިރުވަންތަކަމާއެވެ! 3 ހުރިހައި ޙަމްދެއް ވަނީ އެކަލާނގެއަށެވެ.) މި ދެ ކަލިމަ — ނުވަތަ މި ކަލިމަ4 — އުޑާއި ބިމާ ދެމެދު ވާހައި ތަނެއް ފުރާލައެވެ. އަދި ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތަކީ (މީހެއްގެ އީމާންކަމުގެ ތެދުވެރިކަމަށް އޮތް) ބުރުހާނެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ޤުރުއާނަކީ ތިބާއަށްޓަކައި ނުވަތަ ތިބާއާ ދެކޮޅަށް ވާ ޙުއްޖަތެކެވެ. ކޮންމެ މީހަކު ވެސް އޭނާގެ ނަފްސު ވިއްކާލަން ހެނދުނާ ނުކުމެއެވެ. އެގޮތުން އޭނާގެ ނަފްސު މިނިވަންކުރެއެވެ. ނޫނީ ވަރުބަލިކުރުވައި ހަލާކުކުރެއެވެ.“
ރިވާކުރެއްވީ މުސްލިމެވެ.
-
ސާފްތާހިރުކަމޭ މި އޮތް ބަސްފުޅުގެ މާނައީ ޝިރުކުކުރުމުން (މަޢްނަވީ ނަޖިހުން) ތާހިރުވުން ކަމުގައި ބުނެވެއެވެ. އަދި މީގެ މާނައަކީ އެއީ (ޙިއްސީ ނަޖިހުން) ނަމާދަށް ތާހިރުވުމޭ ވެސް ބުނެވެއެވެ. [ބައްލަވާ: އިބްނު ޢުޘައިމީންގެ ޝަރަޙަ] ↩︎
-
ޙަމްދުގެ މާނައީ: … ↩︎
-
سُبْحَانَ الله ގެ މާނައީ: ﷲ އާ އެކަށީގެން ނުވާ ފަދަ އެންމެހައި ކަމަކުން އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. މިގޮތުން ﷲ ހުސްޠާހިރުވަންތަކުރާ މީހާ އެކަލާނގެ ހުސްޠާހިރުވަންތަ ކުރަނީ ތިން ކަމަކުންނެވެ. ފުރަތަމައީ: ހުރިހައި އުނި ސިފައެކެވެ. ދެވަނައީ: އެކަލާނގެ ފުރިހަމަކަމުން އުނިވުމެވެ. ތިންވަނައީ: ޚަލްޤުތަކުންނާ އެކަލާނގެ އެއްވައްތަރުވެގެން ވުމުންނެވެ. [ބައްލަވާ: އިބްނު ޢުޘައިމީންގެ ޝަރަޙަ] ↩︎
-
މިއީ ރާވީއަށް އުފެދުނު ޝައްކެކެވެ. މާނައަށް މާ ބޮޑު ބަދަލެއް ނާންނަ މިފަދަ ކުދިކުދި ތަންތަންކޮޅު ވެސް އެބޭކަލުން ފާހަގަކުރައްވާ ކަމީ ޙަދީޘާމެދު އެބޭކަލުން ރައްކާތެރިވާ ވަރު ހާމަކޮށްދޭ ކަމެކެވެ. ↩︎