عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ ﷺ «لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا، وَيُشِيرُ إلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ».
رَوَاهُ مُسْلِمٌ
އަބޫހުރައިރާ ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އެކަކުއަނެކަކާ ޙަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުން މުނާޖަޝާނުކުރާށެވެ. (އެބަހީ: އެއްޗެއް ގަތުމުގެ ގަސްދަކާ ނުލައި އޭގެ އަގު ނުއުފުލާށެވެ.) އަދި އެކަކުއަނެކަކާ ރުޅިވެރި ނުވާށެވެ. އަދި އެކަކުއަނެކަކަށް ފުރަގަސްނުދޭށެވެ. އަދި އެއްބަޔަކު އަނެެއްބައެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރިނުކުރާށެވެ.1 އަދި ﷲގެ ތިޔަ އަޅުތަކުން އަޚުންތަކެއްކަމުގައި ވާށެވެ. އެއްމުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ. އަދި (އޭނާއަށް ނަޞްރުވެރިވާން ޖެހޭ ހިނދު، ނަޞްރުނުދީ) ނިކަމެތިވާން ދޫކޮށެއްނުލާނެއެވެ. އަދި އޭނާއަށް ދޮގުވެރިއެއް ނުވާނެއެވެ. އަދި އޭނާ ދަށްކޮށެއްނުލާނެއެވެ. ތަޤުވާވެރިކަން ވަނީ މިތަނުގައެވެ.“ ދެން އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. ”މީހެއްގެ ނުބައިކަމަށް، އޭނާގެ މުސްލިމް އަޚާ ދެރަކޮށް ދަށްކޮށްލުން ފުދެއެވެ. މުސްލިމެއްގެ ހުރިހައި ކަމެއް ވަނީ އަނެއް މުސްލިމާއަށް ޙަރާމްވެގެންނެވެ. އޭނާގެ ލެޔާއި، މުދަލާއި އަބުރެވެ.“
ރިވާކުރެއްވީ މުސްލިމް.
-
އެއީ މިސާލަކަށް: މީހަކު އެހެން މީހަކަށް 10 ރުފިޔާއަށް އެއްޗެއް ވިއްކާތަން ފެނުމުން، ތިބާ އެ ގަތްމީހާ ގާތަށް ގޮސް، ތިމަން ކަލެއަށް ތިޔަ ގަތްފަދަ އެއްޗެއް 9 ރުފިޔާއަށް ވިއްކަފާނަމޭ، ނޫނީ އެއަށްވުރެ މާ މޮޅު އެއްޗެއް ހަމަ އެ އަގަށް ވިއްކަފާނަމޭ ބުނުމެވެ. ފަހެ މިހެން ހަދާ މީހާ އޭނާގެ އަޚާ ކުރި ވިޔަފާރީގެ މައްޗަށް، ވިޔަފާރިކުރަނީއެވެ. މިއީ ޙަރާމްވެގެންވާ ކަމެކެވެ. [ބައްލަވާ: އިބްނު ޢުޘައިމީންގެ ޝަރަޙަ] ↩︎