عَنْ أَبِي هُرَيْرَة قَالَ: قَالَ رَسُول اللهِ ﷺ إنَّ اللهَ تَعَالَى قَالَ: «مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إلَيَّ عَبْدِي بِشَيْءٍ أَحَبَّ إلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْت سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ».
رَوَاهُ الْبُخَارِيُّ.
އަބޫހުރައިރާ ގެ އަރިހުން ރިވާވެގެން ވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން الله تَعَالى ވަޙީކުރެއްވިއެވެ. ”ތިމަންރަސްކަލާނގެ ވަލީވެރިއަކާ1 ޢަދާވާތްތެރިވެއްޖެ މީހަކާ ތިމަން ﷲ ހަނގުރާމަ އިޢުލާނުކުރައްވަމެވެ. އަދި ތިމަން ﷲ ގެ އަޅާގެ މައްޗަށް ތިމަން ﷲ ފަރުޟުކުރެއްވި ކަންތަކަށްވުރެ ލޮބުވެތިކަން ބޮޑު ކަމަކުން ތިމަން ﷲ ގެ އަޅާ ތިމަން ﷲ އާ ކުއްތަންވާކަމުގައި ނުވެއެވެ. ދެން ތިމަން ﷲ އެއަޅާ ދެކެ ލޯބިވެވޮޑިގެންފުމަށްދާންދެން، އެއަޅާ ސުންނަތް ކަންކަމުން ތިމަން ﷲ އާ ކުއްތަންވުމުގައި ދެމިހުރެއެވެ. އަދި ތިމަން ﷲ އޭނާ ދެކެ ލޯބިވެވޮޑިގެންފި ހިނދުގައި، އޭނާ އަހާ އެހުމަކީ، އޭނާ ބަލާ ބެލުމަކީ، އަދި އޭނާ ޖަހައިއުޅޭ އަތަކީ، އަދި އޭނާ ހިނގައި އުޅޭ ފަޔަކީ ތިމަން ﷲ ކަމުގައި ވޮޑިގެންވާހުށީމެވެ. އޭނާ ތިމަން ﷲ ގެ ޙަޟުރަތުން ކަމަކު ދަންނަވައިފިނަމަ ހަމަކަށަވަރުންވެސް ތިމަން ﷲ އެކަމެއް އޭނާއަށް ދެއްވާހުށީމެވެ. އަދި ތިމަން ﷲ ގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދެފިނަމަ އޭނާ ރައްކާތެރިކޮށްދެއްވާހުށީމެވެ.“
ރިވާކުރެއްވީ ބުޚާރީ.
-
[ނޯޓު] ﷲ އަށް އީމާންވެ އެކަލާނގެއަށް ތަޤުވާވެރިވާ ކޮންމެ މީހަކީ އެކަލާނގެ ވަލީވެރިއެކެވެ. އެހެނީ ﷲ ވަޙީކުރެއްވިއެވެ: أَلَآ إِنَّ أَوۡلِيَآءَ ٱللَّهِ لَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ. ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ މާނައީ: ”ދަންނާށެވެ! ހަމަކަށަވަރުން، ﷲ ގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ.“ ↩︎