ޙަދީޘް 42: يَا ابْنَ آدَمَ! إِنَّكَ...

عَنْ أَنَسِ بْنِ مَالِكٍ  قَالَ: سَمِعْت رَسُولَ اللهِ ﷺ يَقُولُ: قَالَ اللهُ تَعَالَى: «يَا ابْنَ آدَمَ! إِنَّكَ مَا دَعَوْتنِي وَرَجَوْتنِي غَفَرْتُ لَك عَلَى مَا كَانَ مِنْكَ وَلَا أُبَالِي، يَا ابْنَ آدَمَ! لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ، يَا ابْنَ آدَمَ! إنَّكَ لَوْ أَتَيْتَنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُك بِقُرَابِهَا مَغْفِرَةً».

رَوَاهُ التِّرْمِذِيُّ، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.


އަނަސް ބިން މާލިކް  ވިދާޅުވިއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. اللهُ تَعَالَىٰ ވަޙީކުރެއްވިއެވެ. ”އޭ އާދަމުގެ ދަރިޔާއެވެ! ތިބާ އުންމީދާއެކު ތިމަން ﷲ އަށް ދުޢާކުރާނަމަ، (ތިބާ ކޮންމެފަދަ ކަމެއް ކޮށްފައި ހުށްޓަސް) ތިބާއަށް ކުރެވިފައި ހުރި ކަމަކަށް ބެއްލެވުމެއްނެތި ތިބާއަށް ފާފަފުއްސަވައި­ދެއްވާހުށީމެވެ. އޭ އާދަމުގެ ދަރިޔާއެވެ. އުޑުގެ މައްޗާ1 ހަމައަށް ތިބާގެ ފާފަތައް ފޯރާފައި ވީ ނަމަވެސް ތިމަން ﷲ އަށް އިސްތިޣުފާރުކޮށް ފާފަފުއްސެވުން އެދެފިނަމަ ތިމަން ﷲ ތިބާއަށް ފާފަ­ފުއްސަ­ވައިދެއްވާ­ހުށީމެވެ. އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ދުނިޔެ ފުރައި ފާފަޔާއިގެން ތިމަން ﷲގެ ޙަޟްރަތަށް އަޔަސް ތިބާ ތިމަން ﷲ އާ ޝަރީކަނުކުރާ ޙާލު ތިމަން ﷲ އާ ބައްދަލުކޮށްފިނަމަ، ތިބާއަށް އެ ބިންފުރައި މަޣްފިރަތު (ފާފަފުއްސެވުން) ދެއްވާހުށީމެވެ.“

ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ. މިއީ ޙަސަނު ޞަޙީޙު ޙަދީޘެކެވެ.


  1. އިބްނު ޢުޘައިމީން  ވިދާޅުވިއެވެ: «عَنَانَ السَّمَاء» ގެ މުރާދަކީ އުޑުގެ މައްޗެވެ. އަދި އޭގެ މުރާދަކީ ތިބާ އުޑަށް ބެލުމުން ފެންނަ ހިސާބުކަމަށް ވެސް ބުނެވެއެވެ. އަދި އޭގެ މުރާދަކީ އުޑުގެ މަތީގައި ވާ ވިލާތައް ކަމުގައިވެސް ބުނެވެއެވެ. ވިލާތަކަށް ވެސް عنان އޭ ކިޔޭކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. ↩︎