ޙަދީޘް 6: إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ...

عَنْ أَبِي عَبْدِ اللهِ، النُّعْمَانِ بْنِ بَشِيرٍ ، قَالَ: سَمِعْت رَسُولَ اللهِ ﷺ يَقُولُ: «إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ،

فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ،

وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ؛ كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ،

أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللهِ مَحَارِمُهُ، أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ1


އަބޫ ޢަބްދި ﷲ އައްނުޢްމާނު ބިން ބަޝީރު  ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله ﷺ ޙަދީޘް­ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ”ޙަލާލު ކަންތައްތައް ވަނީ ބަޔާން­ވެގެންނެވެ. އަދި ޙަރާމް ކަންތައްތައް ވަނީ ބަޔާން­ވެގެންނެވެ. އަދި ގިނަ ބަޔަކަށް އެޔެއް މިޔެއް ނޭނގޭ، މުޝްތަބިހް ކަންތައްތަކެއް އެ ދެމެދުގައި ވެއެވެ. ފަހެ ޝުބުހަތަކުން ރައްކާތެރި­ވެއްޖެ މީހާ، އޭނާގެ ދީނާއި އަބުރަށްޓަކައި (އެ ކަންކަމުން) ބަރީއަވެއްޖެއެވެ. ފަހެ ޝުބުހަތަކުގެ ތެރެއަށް ވަދެއްޖެ މީހާ، (ދަންނާށެވެ) ފަހެ، އޭނާ ޙަރާމް ކަންކަމުގެ ތެރެއަށް ވަދެއްޖެއެވެ. އޭނާއީ، ޙިމާޔަތްކުރެވިފައިވާ އިމެއްގެ ވަށައިގެން، ކިރިޔަކިރިޔާ އޭގެ ތެރެއަށް ވަދެދާނޭހެން، ގެރިބަކަރި ހުއިހައްޕާ މީހެއް ފަދައެވެ. ދަންނައެ، ހަމަކަށަވަރުން ކޮންމެ ރަސްކަލަކަށްމެ ޙިމާޔަތްކުރެވިފައިވާ އިމެއް ވެއެވެ. އަދި ދަންނައެ، ﷲގެ އިމަކީ އެކަލާނގެ ޙަރާމްކުރެއްވި ކަންކަމެވެ. އަދި ދަންނައެ، ކޮންމެ ހަށިގަނޑެއްގައި ވެސް، އެ މަސްކޮޅެއް ހެޔޮ ވެއްޖެއްޔާ މުޅި ހަށިގަނޑު ހެޔޮވެދާ، އެ ފަސާދަ­ވެއްޖެއްޔާ މުޅި ހަށިގަނޑު ފަސާދަވެދާ، މަސްކޮޅެއް ވެއެވެ. ދަންނައެ، އެއީ ހިތެވެ.“

ރިވާކުރެއްވީ އަލްބުޚާރީއާއި މުސްލިމް


  1. ބުޚާރީ (52، 2051) މުސްލިމް (1599) ↩︎